އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނިކޮށް، އެ އިދާރާގެ ވެހިކަލެއްގައި ކޮޅުފައިންޖެހި ބިދޭސީއަކަށް އިޔަވަޅުއަޅަން ނިންމައިފި އެވެ.
ރޭގެ ވަގުތެއްގައި އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތްކުރަނިކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދީފައިވާ ކަމަށާ އަދި މިފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ރޭ ވެސް މާލެއިން ބަޔަކު ހުއްޓުވި ކަމަށެވެ. މާލޭގައި ޓޭކްއަވޭ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް، ބިދޭސީ ހަ ފިރިހެނަކާއި އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ކުރައަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ ހޯދައިފަ އެވެ. އަދި ގަވާއިދާއި ހިލާފަށް ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓުވައި އެފަދަ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.