ސޮފްޓްވެއާއެއް ހަދާ ކޮންމެ ބިދޭސީއެއްގެ އަތުން 120 ޑޮލަރު ނަގަންއުޅޭކަމަށް ބުނެ ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެފަދަ ސޮފްޓްވެއާއެއް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އޭގެ ބަދަލުގައި ވިސްނުންހުރީ އަދި މަޝްވަރާ ކުރެވެވުމުންދަނީ މާލޭގައި ލައްކައެއްހާ ބިދޭސީންނަށް ބޯހިޔާވަހިކަން ހަމަޖެއްސޭނެ ޑޯމެޓްރީ ފެސިލިޓީސް ނުވަތަ އެކަމަޑޭޝަން ބިލްޑިންތަކެއް ތަރައްގީ ކުރުމަށް ކަމަށެވެ. މިގޮތުން މި ފެސިލިޓީތައް ގާއިމުކުރުމަށް ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށެވެ. ހާހަކަށް ވުރެ ގިނަ ބިދޭސީން އުޅޭ ރަށްރަށުގައި ވެސް މިފަދަ ފެސިލީޓީ ހެދުމަށް ހުށަހަޅާފައި ވާކަމަށާއި އަދި ފެސިލިޓީން ވޯކް ސައިޓަށް ބަހުގެ ހިދުމަތް ދިނުމަށް ވެސް ހުށަހަޅާފައި ވާކަމަށް އިހުސާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މެލޭޝިޔާގެ ކުންފުންޏާއެކު އެއްބަސްވުމެއް ގާއިމްކުރެވިފައިނުވާ ކަމަށާއި ނަމަވެސް އެއްބަސްވުމަކަށް ދިއުމަށް ބޭނުންވާ ފަހުގެ ކަރުދާސްތައް ހުށަހެޅުމަށް އެދިފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބިދޭސީން އަތުން ޑޮލަރު ނެގުމާއި ސަރުކާރަށް ކުޑަ ޕަސެންޓެއް ދިނުމަށް ކަމަށް ބުނެ އާއްމުކޮށްފައިވާ ލިޔުމަކީ ކުންފުންޏަކުން ހުށައަޅާ ހުށަހެޅުމެއް ކަމަށާއި އެފަދަ ގޮތަކަށް އެއްބަސް ނުވާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ތަންތަނުގައި ބިދޭސީން މިހާރު ގެންގުޅެނީ ވަރަށް ލާއިންސާނީ ގޮތަށް ކަމަށާ އަދި މިހާރު ބިދޭސީން ދިރިއުޅޭ ތަންތަން ހުރީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ނުފެތޭ ގޮތަށް ކަމަށެވެ.