ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމެރިކާ އާއި ޗައިނާ އިން ދެ ޑްރޯން ކަސްޓަމްސް އަށް ދޭން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އެމެރިކާ އާއި ޗައިނާ އިން ކަސްޓަމްސްއަށް ޑްރޯން ދޭން ނިންމާފައިވާކަން އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު އެވެ.

ޓޫފޯވަން ކޮމިޓީގައި ވާހަކަދައްކަވަމުން މާނިއު ވިދާޅުވީ ކަސްޓަމްސްއަށް ބޯޑަ އަމިއްލައަށް ބެލެހެއްޓޭނެ ވަސީލަތްތަކެއް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

ބޯޑަރު ބެލެހެއްޓުން ވަރުގަދަ ކުރުމަށްޓަކައި އެކުވެރި ގައުމުތަކުން އެހީތެރިކަން ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރައްވާ މާނިއު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯންއެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ޑްރޯންތައް، ވާގޮތަކީ މި ސަރަހައްދަށް ބޭރުން އަންނަ އުޅަނދުތައް މޮނިޓަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަށް ފިޒިކަލީ ގޮސްގެން ނޫނީ. ދެން މިވާގޮތަކީ ދައުލަތުގެ ޚަރަދު ބޮޑުވާނީ، ލޯންޗުތަކަށް ޕެޓްރޯލް އަޅައިގެން ފޮނުވީމަ. އޭގެ ބަދަލުގައި ޑްރޯން ފޮނުވާފައި ޑްރޯން އިން އޭތި މޮނިޓަ ކުރެވޭނެ ފުރުސަތު ލިބިއްޖެއްޔާ ތްރެޓެއް އެއްޗެއް ލިބިޖެއްޔާ އަޅުގަނޑުމެން އުޅަނދެއް ފޮނުވަން މި ނިންމަނީ،" މާނިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑްރޯން ލިބުނު ކަމުގައިވިޔަސް ކަސްޓަމްސް އިން ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފް އާއި ކަސްޓަމްސް ގުޅިގެން ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން ވަރުގަދަ ކުރުމަށް ތުރުކީ އިން މިހާރު ވަނީ ތިން ޑްރޯން ރާއްޖެ ގެނެސް އެމްއެންޑީއެފްއާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން މާނިއު ވިދާޅުވީ ކަސްޓަމްސްގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން 85 ފޫޓުގެ އުޅަނދެއް ޖަޕާނު ސަރުކާރުން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ޗައިނާ ސަރުކާރާ އެކު މަޝްވަރާކުރެވި، އަންނަ އަހަރު ދެ އުޅަނދު ލިބޭނެކަމަށް މާނިއު ވިދާޅުވި އެވެ. އަދި އެމެރިކާއިން ވެސް އުޅަނދުތަކެއް ލިބޭނެ ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.