ވަޒީރުންންނާ ސުވާލުކުރުމަށް މަޖިލީހަށް ފަސޭހައިން ހާޒިރުނުކުރެވޭ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހެއް ގެންނަން ފެނިވަޑައިގަންނަވާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖލީހުގައި މިއަދު ކުރިއަށްދާ ޖަލްސާގައ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ތެދުވެޑައިގެން ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ މަޖިލީހުގެ ގަވައިދު އިސްލާހުކުރާއިރު ވަޒީރުން މަޖިލީހަށް ސުވާލުކުރުމަށް ގެންނަ ގެނައުމަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.

ކުދިކުދި ކަމެއް ނެތް ކަންކަމުގައި ސުވާލު ކުރައްވަން ވަޒީރުން ހާޒިރު ކުރެއްވުމަކީ ކޮންމެހެން މުހިއްމު ކަމެއްތޯ ފަލާހުވަނީ އިދިކޮޅު އެމްޑީޕީ މެންބަރު މައުރޫފްއާ ސުވާލު ކުރައްވާފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ ގަވައިދަށް، ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން، ތިން ދުވަސް ތެރޭގައި ލިއުމުން ޖަވާބު ނުދިނުމުން ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ފަލާހު ރިޔާސަތާއި ސުވާލު ކުރެއްވި އެވެ. މަޖިލީހުގެ ގަވާއިދު އިސްލާހުކުރާއިރު މިކަމަށް ރަނގަޅަށް ވިސްނާލަން ޖެހޭކަމަށް ދެކެވަޑައި ގަންނަވާކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހުގެ ވާހަކައަށް ރިޔާސަތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ހުށަހަޅުއްވާފައި އޮތް ދެ ސުވާލަކަށް ޖަވާބު ދެއްވަން މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިގެންނެވި އެވެ. އަދި ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ހާޒިރުކޮށް ސުވާލު ކުރައްވާފަ އެވެ.

މީގެ ކުރިން ރައްޔިތުން މަޖލީހަށް ކުއްލި މައްސަލަ ވެސް ފަސޭހައިން ހުށަނޭޅޭ ގޮތަށް ބަދަލު ގެނައުމަށް ޕީއެންސީގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް ވަނީ ހުށައަޅުއްވައިފަ އެވެ.