ފުލުހުންގެ ބަންދަށް ގެންދަން އުޅުމުގެ ތެރޭގައި މުހައްމަދު އަޒްމީލް ޖަލީލަށް އަނިޔާވީ ފިލަން އުޅެނިކޮށް ކުޑަދޮރުން މަގުމައްޗަށް ވެއްޓިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަޒްމީލަށް އަނިޔާވެފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ މެންފުރުފަހު 2:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިއުމުން ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުމުން ކަމަށެވެ.

މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތަކެއް ވެފައިވާ ކަމަށާއި މިހާރު އަޒްމީލް ޖަލީލަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓްގެ ވެންޓެލިޓޭރުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އަޒްމީލް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މާލޭ ކަސްޓޯޑިއަލަށް ގެންގޮސް ކަސްޓޯޑިއަލް މެޑިކަލް އޮފިސަރު ބެލުމަށްފަހު ހޯމަ ދުވަހުގެ މެންދުރުފަހު 3:05 ހާއިރު ކަމަށެވެ.

އަޒްމީލް ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު އާއިލާގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެދިފައިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ ހައްޔަރު ކުރުމަށް މަސައްކަތްކޮށްފައި ވަނީ ބަންދުގައި ބަހައްޓައިގެން ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.