އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ދަރިވަރުންތަކެއް ކާނާ ވިހަ ވެގެން, މިހާރު ފަރުވާދެނީ ދެ ކުދިންނަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އައިސީޔޫގައި މިވަގުތު ތިބި ދެ ދަރިވަރުން ފިޔަވައި އެހެން ދަރިވަރުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ރޭ ބުނީ ޕޮލިސް ކޮލެޖްގައި ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމަށެވެ. އަދި މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން ދާކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި 32 ދަރިވަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ކޭޓަރިންގެ ހިދުމަތް ދެނީ އައްޑޫ މީދޫ ދާއިރާގެ މަޖްލިސް މެމްބަރު އަބްދުއްރަހުމާންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ބެސްޓް ސިލެކްޝަން ކޮމްޕެނީންނެވެ.

މައުލޫމާތު ލިބިގޮތުގައި ކާނާ ވިހަވީ ރޭގަނޑުގެ ކެއުމަށް ފަހުގަ އެވެ.