ބަރުދަން ލުއިކުރަން ގިނަ ބަޔަކު ހިޔާރުކުރާ އެންމެ ފަސޭހަ އެއް މަގަކީ ޑޮކްޓަރުގެ ބޭސް ސިޓީއަކާނުލާ ވިއްކާ ބަރުދަން ލުއިކުރާ ބޭސް ބޭނުން ކުރުމެވެ.

މިފަދަ ބޭސްތަކަކީ ވަގުތީ ގޮތުން ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ފެންނަ ބޭސްތަކެއް ނަމަވެސް ދިގު މުއްދަތުގައި އޭގެ ގެއްލުން ސިއްހަތަށް ކުރުވާ ބޭސްތަކެކެވެ.

ޑޮކްޓަރުގެ އިރުޝާދާނުލާ ބޭނުންކުރާ މިފަދަ ބޭސްތަކުގެ ނުރައްކާތެރިކަން އަންގައިދިނުމުގެ ގޮތުން މާހިރުން އަނެއްކާ ވެސް މިވަނީ އިންޒާރު ދީފަ އެވެ.

އެގޮތުން ބަރުދަން ލުއިކުރަން ބާޒާރުގައި ވިއްކަން ހުންނަ ބޭހުގެ ސަބަބުން ހިތުގެ ހިނގުމަށް ބަދަލު އައިސް ލޭގެ ޕްރެޝަރު މަތިކޮށްދެ އެވެ.

ހަމައެއާއެކު އެފަދަ ބޭސްތަކުގައި އެކުލެވޭ "ވޭސްޓް މެޓީރިއަލްސް"ގެ ސަބަބުން ކިޑްނީއަށާއި ޗިސްމޭއަށް ނޭދެވޭ އަސަރުކޮށް އެ ގުނަވަންތަކަށް ދާއިމީ ގެއްލުން ލިބެ އެވެ.

މީގެ އިތުރުން ވެސް މިފަދަ ބޭސްތަކުން ވަގުތީ ގޮތުން ބަރުދަން ލުއިވިޔަސް ބޭސް ކެއުން ހުއްޓާލުމުން ބަރުދަން އިތުރުވުމުގެ ފުރުސަތު ދެގުނައަށް އިތުރުވާ ކަމަށް މާހރުން ބުނެ އެވެ.

މި ހުރިހާ ކަންކަމަށް ބަލާއިރު ބަރުދަން ލުއިކުރަން އޮތް އެންމެ މޮޅު ގޮތަކީ ކަސްރަތު ކުރުމާއި ކެއިންބުއިމަށް ފަރުވާތެރިވުންކަން އެނގިގެންދެ އެވެ.