ނާކާމިޔާބުވާ ހާލަތުގައިވެސް ހިތްވަރާ އަޒުމުގައި ދެމިހުރުމަށް ބާރުއަޅުއްވައި، ކަންކަމާ ކެރިގެން ކުރިމަތިލައި، ކަންކަން ކުރަން ނުކުމެ ހިތްވަރާއެކު ކުރިއަށްދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިރޭ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮންމެ ކުއްޖަކުވެސް ގައުމަށް ހިދުމަތްކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދިޔަނަމަވެސް އިސްލާމްދީނުގައި ހިފަހައްޓައި މައިންބަފައިންނާއި ބެލެނިވެރިން ކުދިންނަށް ތަޢުލީމު ހާސިލްކޮށްދިނުމަށްޓަކައިވާ ގުރުބާނީ ހަނދާން ބެހެއްޓުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން ފަހި ފުރުސަތުތަކެއް މިސަރުކާރުން ހުޅުވައިލައްވާނެކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހީންނަށް ހާއްސަ ވަޒީފާތައް ގިނަކޮށް، އަދާކުރާ ވަޒީފާއާ އެކަށީގެންވާ ރަނގަޅު މުސާރައެއް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި މިސަރުކާރުގެ ވައުދާ އެއްގޮތަށް ގައުމު ބިނާކުރަން އިސްކަން ދޭގޮތަށް މީހުން ބިނާކުރަން ދައުލަތުގެ ބަޖެޓުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހާއްސަކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕް މިރޭ ހާސިލުކުރި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިމްތިހާނުތަކުގެ 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދާފައިވަނީ، 136 ދަރިވަރުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕް 19 ދަރިވަރުން ހާސިލުކޮށްފައިވެއެވެ. އޭގެ އިތުރުން 117 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހޯދައި ހައި އެޗީވަރސް ސްކޮލާޝިޕް ހާސިލުކޮށްފަ އެވެ.