ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުން ބޮޑުވެ ކާފިއު އިއުލާންކޮށް، ސިފައިން މަގުތަކަށް ނުކުމެއްޖެ އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ޕްރެސް ސެކްރެޓަރީއާ ހަވާލާދީ ބީބީސީ ބަންގްލާ އިން ބުނީ ބަންގްލަދޭޝް ސަރުކާރުން މުޅި ގައުމުގައި ކާފިއު އިއުލާނުކޮށް އަސްކަރިއްޔާ އިން މަގުތަކަށް ނުކުންނަން ނިންމާފައިވާ ކަމަށެވެ.
ބޮޑުވަޒީރުގެ ޕްރެސް ސެކްރެޓަރީ ނައީމުލް އިސްލާމް ހާން ވިދާޅުވީ ކާފިއުއާ ގުޅޭ ރަސްމީ ނިންމުމެއް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.
ބަންގްލަދޭޝްގައި ޓެލެކޮމިއުނިކޭޝަނަށް ބުރޫ އަރައި، ޓީވީ ޗެނަލްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އޭގެ ކުރީ ދުވަހު މޯބައިލް ފޯނުގެ ބައެއް ހިދުމަތް ކަނޑާލާފަ އެވެ.
ބެންގާލީ ނޫހެއް ކަމަށްވާ ޕްރޮތޯމް އަލޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް ސަލާމަތީ އޮފިޝަލުންނާ ދިމާލަށް ގާ އުކަމުން ދިއުމާ ގުޅިގެން މުޅި ގައުމުގައި ރޭލު ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓްގެ ތެރެއިން 47 ޑިސްޓްރިކްޓެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 27 މީހުން މަރުވެ، 1500 މީހުން ޒަހަމްވެފައި ވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހޮސްޕިޓަލްތަކާ ހަވާލާދީ އޭއެފްޕީން ވަކިވަކިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 105 އަށް އަރާފަ އެވެ. މަރުވި މީހުންގެ އަދަދު ފުލުހުން ހާމަކޮށްފައިނުވާތީ އަދަދު ކަށަވަރު ނުކުރެވެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި 40 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކާ ކަމަށެވެ.
އިންޑިއާއިން ވަނީ ބަންގްލަދޭޝްގައި ކިޔަވަންތިބި އެ ގައުމުގެ 400 އަށް ވުރެ ގިނަ ދަރިވަރުން އަނބުރާ އިންޑިއާއަށް ގެންގޮސްފަ އެވެ.
ޕާކިސްތާނުގެ ކިބައިން މިނިވަންކަން ހޯދުމަށް ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާގެ 30 އިންސައްތަ ހާއްސަކުރާ ކޯޓާއާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާ މިވަނީ ވަރުގަދަވެ ސަރުކާރަށް ކޮންޓްރޯލު ނުކުރެވި އެތައް ގެއްލުންތަކެއް ވެފަ އެވެ.
މި އަހަރު ހަސީނާ އިންތިހާބުވެވަޑައިގެންނެވި ފަހުން މުޅި ގައުމުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް އިތުރުވެފައި މިވަނީ 170 މިލިއަން މީހުންގެ އާބާދީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ޒުވާނުންގެ މެދުގައި ވަޒީފާ ނެތް މިންވަރު ބޮޑުވުމުންނެވެ.