ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މީހަކު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ތިން ދައުވާއެއް އުފުލީ 2019 ވަނަ އަހަރު ޑީޖޭއޭއަށް ބައެއް ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި އޭނާއާ ގުޅުން އޮންނަ ވިޔަފާރިތަކާ ހަވާލުކޮށް, ރިޝްވަތު ހިފިކަން ސާބިތުވުމުންނެވެ.

ޑީޖޭއޭގެ މަސައްކަތް ހަވާލުކުރި ކުންފުނިން ހައިލަމްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާތީ ގުޅިގެން އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ވަނީ ކޯޓުގައި އިއުތިރާފުވެފަ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ކަނޑައެޅީ 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި 56،200ރ. ގެ ޖޫރިމަނާއިން ޖޫރިމަނާ ކުރުމަށެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ތިން ދައުވާއެއް އޭނާގެ މައްޗަށް ކުރީ އޭނާއާ ގުޅުން އޮންނަ އެހެން ވިޔަފާރިތަކަކަށް ޑީޖޭއޭގެ މަސައްކަތްތައް ހަވާލުކުރި މައްސަލަތަކެއްގަ އެވެ. އެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

ތިން ދައުވާއަށް ކަނޑައެޅި ޖުމްލަ އަދަބަކީ 120 ގަޑިއިރު މުޖުތައުއަށް ހިދުމަތް ކުރުމާއި 82،200 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،244 ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

އެހެންކަމުން 160 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރަން ހުކުމުގައި އަންގާފައިވެ އެވެ. އަދި ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ފައިސާ ދޮޅު އަހަރުގެ ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.