ގެއިން ބޭރަށް ނުކުންނައިރު މޫނުގައި ހުންނަ ބިހިތައް މީހުންނަށް ފެންނާތީ ލަދު ގަނެ އެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ އެވެ. ނަތީޖާއަކަށް ވަނީ އެކި ޒާތްޒާތުގެ އުފެއްދުންތަކުން އެ ބިހިތައް ފޮރުވަން މަސައްކަތް ކުރުމެވެ.

އެހެން ނަމަވެސް މިހާރު އެހާ ބުރަ މަސައްކަތް ކުރާކަށް ނުޖެހެ އެވެ. މިހާރަކަށް އައިސް މަޝްހޫރު ވަމުން އަންނަ "ޕިމްޕަލް ޕެޗް"އަކީ އެ ބިހިތައް ފޮރުވަން މާ ފަސޭހަ، އަވަސް ގޮތެކެވެ.

ޕިމްޕަލް ޕެޗްއަކީ މޫނުގައި ތަތްކުރާ ކުދި ސްޓިކާއެއް ގޮތަށް އުފައްދާފައިވާ އުފެއްދުމެކެވެ. އެކި ޑިޒައިންތަކަށް ހަދާފައިވާ އެ ޕެޗްތައް މޫނުގައި ތަތް ކުރުމުން ބިހިތައް ފޮރުވެ އެވެ.

މި ޕެޗްތަކަކީ އޭގައި ބިހިތައް ނައްތާލަން އެހީވެދޭ ބައެއް މާއްދާތައް އެކުލެވިގެންވާ ޕެޗްތަކަކަށް ވުމާއެކު ބިހިތައް ފޮރުވުމުގެ އިތުރުން ބިހިތައް ނައްތާލަން ވެސް އެހީތެރިވެދެ އެވެ.

މި ޕެޗްތަކުގެ މޮޅުކަމަކީ އެ ބޭނުން ކުރިނަމަވެސް އޭގެ އަސްލު ބޭނުން އެހެން މީހުންނަށް ނޭނގުމެވެ. ބަލާ މީހަކަށް ހީވާނީ އެ މީހެއްގެ މޫނުގައި ފެޝަނަކަށް ސްޓިކާ ތަތްކުރި ކަމަށެވެ. އެހެން ނަމަވެސް ހަގީގީ ބޭނުމަކީ ބިހިތައް ފޮރުވުމެވެ.

މޫނުގައި ބިހި ނެގުމަކީ ފުރާވަރަށް އަޅާ އަންހެން ކުދިންނަށް ވަރަށް ގިނައިން ދިމާވާ ކަމަކަށް ވާއިރު އެ އުމުރުގެ ކުދިންގެ މެދުގައި މި އުފެއްދުމުގެ މަގުބޫލުކަން މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ.