ފާސްޓް ފުޑް ކެއުންތަކަކީ މިއަދު ދިވެހި ރާއްޖޭގެ ފުރާވަރު ކުދިންގެ މެދުގައި ވެސް މަގުބޫލު ކެއުންތެކެކެވެ. ސްކޫލުގެ އިންޓަވަލަށާއި އެނޫން ވެސް ދުވަހުގެ ކެއުންތަކަށް މިފަދަ ކެއުންތައް ކާ ކުދިން މިހާރު ވަރަށް ގިނަ އެވެ.

އެހެން ނަމަވެސް ނޭނގި އޮތް ކަމަކީ މިފަދަ ކެއުންތަކަކީ ދިގު މުއްދަތުގައި ފުރާވަރު ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ޒުވާން އުމުރުގެ ސިއްހަތަށް އޭގެ އަސަރު ކުރުމެވެ.

ފުރާވަރުގެ އުމުރަކީ ކުއްޖާގެ ސިއްހަތު އެންމެ ރަނގަޅަށް ފުރިހަމަވެގެން އަންނަ ދުވަސްވަރަށް ވާއިރު އެ ދުވަސްވަރު ފާސްޓްފުޑް ފަދަ ގެއްލުންހުރި ކެއުންތައް ކެއުމުގެ ނުރައްކާ ދެގުނައަށް ބޮޑުވެ އެވެ.

އެގޮތުން ކެއިންބުއިމުގައި އާއްމުކޮށް ފާސްޓް ފުޑްގެ ބާވަތްތައް ހިމަނާ ފުރާވަރު ކުދިން ޒުވާން އުމުރަށް އަޅައިގެން އަންނައިރު ފަލަބައްޔާއި ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ.

ހަމައެއާއެކު ފުއްޕާމެއާއި ހިތުގެ ބަލި ފަދަ އެތެރެ ހަށީގެ ގުނަވަންތަކަށް ޖެހޭ ދާއިމީ ބަލިތަކަކީ ވެސް މި ކެއުންތަކުން މަގުފަހި ކުރުވާ ނުރެއްކާތެރި ބަލިތަކެވެ.

މީގެ އިތުރުން ފުރާވަރު އުމުރުގައި ފާސްފުޑް ކެއުމަކީ ކުއްޖާގެ ވިސްނުމުގެ ބާރު ދަށްކޮށްދީ ސްކޫލުގެ ނަތީޖާތަކަށް ވެސް އޭގެ އަސަރު ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ކުރިއަށް އޮތް ޖީލަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލަކަށް ހަދަން ބޭނުންވާނަމަ މިއަދުގެ މައިންބަފައިން ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.