ފަނޑިޔާރުންނާއި ރިޓަޔަ ކުރައްވާފައިވާ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖްތަކުގެ ޕްރިމިއަމް ބޮޑުކޮށް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުދަ ދުވަހު ފާސްކޮށްފި އެވެ.

މިދިޔަ މެއި މަހު ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖްތައް ބޮޑު ކުރުމަށާއި އިންޝުއަރެންސަށް ފަނޑިޔާރުން އަމިއްލައަށް ދައްކަންޖެހޭ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް ހަމަޖެއްސައިދިނުމަށް މަޖިލީހުގައި އެދިފަ އެވެ.

އެގޮތުން ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ ބޭފުޅުންގެ އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 14،500 ރުފިޔާއިން 18،500 ރުފިޔާއަށް ބޮޑު ކުރުމަށާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 12،000 ރުފިޔާއިން 16،750 ރުފިޔާއަށް ބޮޑު ކުރުމަށާއި މެޖިސްޓްރޭޓުންނާއި އެ ބޭފުޅުންގެ އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 9،000 ރުފިޔާއިން 14،000 ރުފިޔާއަށް ބޮޑު ކުރުމަށް ޖޭއެސްސީން ވަނީ ހުށަހަޅާފަ އެވެ. އަދި ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރުންނަށް ދޭ އިންޝުއަރެންސް ވެސް ބޮޑު ކޮށްދިނުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ.

ކޮމިޓީގެ މެންބަރުން ވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް މައްސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިކަމުގެ ސަބަބުން އިތުރު ފަސް މިލިއަން ރުފިޔާ ހަރަދު ކުރުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. މަޖިލިސްގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގައި އިންނަވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ އިންޝުއަރެންސްގެ ޕްރިމިއަމް ބޮޑުކުރަން އެދުނުއިރު، ފަނޑިޔާރުން ބޮޑު މުސާރަ ނަގައިގެން ކުރާ މަސައްކަތުގެ ނަތީޖާއެއް ފެންނަން ނެތް ކަމަށެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މިކަމަށް ވޯޓަށް އަހާފައިވާއިރު، ޖޭއެސްސީން އެދިފައިވާ ގޮތަށް ފަނޑިޔާރުންނާއި ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖްތަކުގެ ޕްރިމިއަމް ބޮޑު ކޮށްދޭން ނުފެންނަ ކަމަށް ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.