ކުރިއަށް އޮތް 48 ގަޑިއިރު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ކުރިއަށް އޮތް 48 ގަޑިއިރަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު މާދަމާގެ ފަހުން ވާރޭވެހުން މަދުވާނެ ކަމަށެވެ. އަދި މިހާރު ވާރޭވެހޭ މިންވަރު މަދުވި ނަމަވެސް ރަށްތަކަށް ވައިޖެހޭ މިންވަރު އިތުރު ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

އެ އިދާރާއިން ބުނީ އަންނަ ހޯމަ ދުވަހުގެ ފަހުން މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގައި ހުރި ވައި މަޑުވާނެ ކަމަށް ބެލެވޭ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުރި ގަދަ ވައި އާދިއްތަ ދުވަހުގެ ފަހުން މަޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވައި ޖެހޭނެ ނިސްބަތަށް ބަލާއިރު މެދުރާއްޖެ ތެރެއާ އުތުރުގެ އަތޮޅުތަކަށް 18 މޭލާއި 28 މޭލަށް ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލަށް ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ 8:00 ހަމައަށް ހއ. އަތޮޅުން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަވާނެތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.