ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ހެލްޕް ލައިނެއް ގާއިމުކުރުމަށް ނިންމައި އެކަމުގެ މަސައްކަތްތައް ފަށައިފި އެވެ.

"ޝޯޓްކޯޑް ލައިން" ގެ ގޮތުގައި ހެލްޕް ލައިން ގާއިމު ކުރުމުގެ މަސައްކަތަކީ ހެލްތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިކަން އެ މިނިސްޓްރީން ރައީސް އޮފީހުގެ ސޯޝަލް ކައުންސިލަށް ހުށަހެޅުމުން، ހެލްޕްލައިން ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ހޯމަ ދުވަހު ވަނީ މިކަމާއި ގުޅުންހުރި އިދާރާތަކުގެ ބައްދަލުވުމެއް ބާއްވާ މަޝްވަރާކޮށްފަ އެވެ. ބައްދަލުވުމުގައި ހޯމްލޭންޑް ސެކުރިޓީ މިނިސްޓަރު އަލީ އިހުސާން، ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު، ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން އެމްއެންޑީއެފް އާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ދުނިޔޭ ބޮޑެތި ގައުމުތަކުގައި ބޭނުންކުރާ ގޮތަށް "ޝޯޓްކޯޑް ލައިން" ބޭނުންކުރަން ފެށުމުން، އިމަޖެންސީ ހާލަތުގައި ކޮންމެ ކަމެއް ރިޕޯޓްކުރަންވިއަސް ގުޅަންޖެހޭނީ އެ ހޮޓްލައިން ނަންބަރަށެވެ. އެހިސާބުން، އެކަމުގައި ފިޔަވަޅު އަޅާ އިދާރާތަކުން އެކަމަކަށް އެޓެންޑްވާނެ އެވެ.