މިދިޔަ މަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް އިންޑިއާ ދޯނީގަ ތިބި މަސްވެރިންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީހުން ނިންމި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ވަގަށް ދާއަޅައިގެން މަސްބާނަނިކޮށް އަތުލައިގަތް އެ ދޯނީގައި ތިބި މީހުންނަށް ދައުވާ ނުކުރަން ނިންމި ކަމަށް ބުނެވުނީ މުއާމަލާތު ކުރުމުގައި އަރާފައިވާ "އޮޅުމަކުން" ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީއަށް އެ މައްސަލާގައި ފުލުހުން ފޮނުވި ސިޓީގައި ވަނީ އެ މަސްދޯނީގެ މީހުންނަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފުލުހުން ފަހުން ބުނީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަނީ ކަމަށާއި ދައުވާ ކުރުމާއި މެދު ޕީޖީ އިން އަދި ވަކި ލަފައެއް ދީފައި ނުވާކަމަށެވެ.

އިންޑިއާގެ ޓަމިލް ނާޑޫއަށް ނިސްބަތްވާ މި ބޯޓު އަތުލައިގަތީ ނޫނު އަތޮޅުގެ ބޮއި އުތުރުން 30 މީޓަރު ބޭރުން ދާއަޅައިގެން މަސްވެރިކަން ކުރަނިކޮށެވެ. އެ ބޯޓު ފެބްރުއަރީ 24 ވަނަ ދުވަހު އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސް އެފަހުން ވަނީ ކުޅުދުއްފުއްޓަށް ގެންދެވިފައެވެ. އަދި އެ ބޯޓުގައި 8 ފަޅުވެރިން ތިއްބެވެ.

އެ ބޯޓު ވަގަށް ދާ އަޅައިގެން އޮތްކަން އެމްއެންޑީއެފް އަށް ފުރަތަމަ ރިޕޯޓު ކުރީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސަރީ" ކިޔާ މަސް ދޯންޏަކުންނެވެ.

އެ މަސް ބޯޓުގައި ތިބި މަސްވެރިން ދޫކޮށްލުމަށް ގޮވާލައި އިންޑިއާގެ މަސްވެރިންތަކެއް ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ކަމަށް އިންޑިއާގެ ނޫހެއްގައިވެ އެވެ. އެ ޕެޓިޝަން އިންޑިއާގެ މައި ސަރުކާރަށް ފޮނުވަން މިހާރު ވަނީ ކަމާ ބެހޭ ފަރާތާ ހަވާލުކޮށްފަ އެވެ.