އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވިފަދަ މާލީ ކާރިސާއަކާ ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާކަމަށް އެމްޑީޕީގެ ޗެއަޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިގްތިސޯދީ ގޮތުން ލައްކާއަށް ދިމާވިފަދަ މާލީ ކާރިސާއަކަށް ދިއުމުގެ ކުރިން އެކަމުން ގައުމު ސަލާމަތް ކުރަން މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

ރައްޔިތުން އާނއެކޭ ބުނި މީހުނަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރަށް ވަގުތު ދީފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީން ޒިންމާދާރުކަމާއެކު ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ސަރުކާރަށް ނުވަ މަސް ވީއިރުވެސް ކުރީގެ ސަރުކާރޭ ކިޔަން ތިބީ ކަމަށާއި ފެންނަނީ ސަރުކާރު ނާގާބިލުކަންމަތީ ލަންކާއަށްވީ ގޮތަށް މި ގައުމަށް ވަމުންދާތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް. ކުރިއަށް އޮތީ އަޅުގަނޑުމެންނަށް ބަނޑުހައިހޫނުކަމުގެ ދުވަސްތަކެއް. އެއްޗެހީގެ އަގުތައް އަރައިގެން އެދަނީ އާންމު ރައްޔިތުންނަށް އަތް ނުފޯރާ ހިސާބަށް. މުސާރަ ނުދެވޭ ހިސާބަށް މިދަނީ. ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ފުނޑުފުނޑު ވެގެން މިދަނީ،
ފައްޔާޒް

"ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް. ކުރިއަށް އޮތީ އަޅުގަނޑުމެންނަށް ބަނޑުހައިހޫނުކަމުގެ ދުވަސްތަކެއް. އެއްޗެހީގެ އަގުތައް އަރައިގެން އެދަނީ އާންމު ރައްޔިތުންނަށް އަތް ނުފޯރާ ހިސާބަށް. މުސާރަ ނުދެވޭ ހިސާބަށް މިދަނީ. ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ފުނޑުފުނޑު ވެގެން މިދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖްލީހުގެ ކުއްލި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވަނީ، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އިއްޔެ ބޭންކް އޮފް މޯލްޑިވްސްއިން ނިންމި ނިންމުމާއި ގުޅިގެންނެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖްލީހުގެ ކުއްލި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ

ބީއެމްއެލްގެ ނިންމުމާ އެކު، ދިވެހިންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެމްއެމްއޭން އަންގައިގެން ބީއެމްއެލްގެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. ސަރުކާރުގެ ވަޒީރުން ވިދާޅުވީ އެއީ ސަރުކާރާ މަޝްވަރާނުކޮށް ގެނައި ބަދަލެއް ކަމަށެވެ.