ބޮޑު ދަރަނީގައި ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު އެފަދައިން ނިންމެވީ ފިނޭންސް މިނިސްޓްރީން މިއަދުގެ ކެބިނެޓް ބައްދަލުވުމަށް ހުށަހެޅި ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

ރައީސް މިގޮތަށް ނިންމެވީ ރާއްޖޭގެ ޔުޓިލިޓީ ސެކްޓާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބަދަލު ގެނައުމަށްޓަކައި، އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ އެވެ. އެސްޓީއޯ ގްރޫޕްގައި އަމަލުކުރަމުން އަންނަ ގަވާނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެ ކުންފުންޏަށް ދިނުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު ވެސް އެސްޓީއޯއަށް ދިނުމަށާއި، އެކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނޭކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މި މަރުހަލާ ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފައްދަން ވަނީ ނިންމާފަ އެވެ. މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންގޮސް، މި އަހަރުގެ ނިޔަލަށް، އެސްޓީއޯގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމަންޖެހޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގެއްލުމުގައި ހިންގަމުން އައި މިފްކޯ ވެސް މީގެކިރިން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެސްޓޯއޯގެ ދަށުން އެ ކުންފުނި ވަކިކޮށް ވަކި ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ.