ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތައްޔިބު ޝަހީމުގެ ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން، ތައްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ތަކެތި ހިފަހައްޓާފައި ވާކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މިފަދަ ތުހުމަތުތަކެއްގައި ތައްޔިބު ހައްޔަރުކޮށްފައިވެ އެވެ

މިދިޔަ ސަރުކާރުގައި ތައްޔިބު ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ. މި ސަރުކާރުގެ ކުރީކޮޅުވެސް ތައްޔިތުބު އަށް ވަނީ ސްޓެލްކޯއިން ވަޒީފާއެއް ދީފަ އެވެ. ނަމަވެސް ފަހުން ވަޒީފާއިން ވަކިކުރުމުން ތައްޔިބު ވަނީ ސަރުކާރަށް ފާޑުކިޔާ މީސް މީޑިއާގައި ލިޔެފަ އެވެ.

އިއްޔެގެ ވަގުތެއްގައި "އަދަދު" ނޫހުން ކުރި ރިޕޯޓަކާ ގުޅިގެން އެ ނޫހާ ދެކޮޅަށްވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ހިޔާލު ފާޅުކުރުމާއި މީޑިއާތަކުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުން ނެވެ.