ކްރިމިނަލް ކޯޓުގައި ހުރި އެމަނިކުފާނުގެ މައްސަލަތައް އަނބުރާ ގެންދަން ތައީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެމަނިކުފާނުގެ މައްސަލަތަކާއެކު އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ އެހެން ބޭފުޅުންގެ މައްސަލަތައް ވެސް ކުރިއަށްގެންދަން ކަމަށެވެ.

"އަޅުގަނޑުގެ އެއްވެސް މައްސަލައެއް ކޯޓުން ނަގާކަށް ނޭދެން،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ފައިސާ ނެގި މީހުންގެ ލިސްޓް އާންމު ކުރެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހްސާނަށް ޔާމީން މިރޭ ވަނީ ގޮވާލައްވައިފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޝަރީއަތަށް ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ އަދީބުގެ އަތުން ފައިސާ ނެގި މީހުންގެ ލިސްޓް އާންމުކޮށްލަން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި މިނިސްޓަރު އިހްސާނަށް ނުކެރިގެން އުޅެނީ ކީއްވެތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ވަނީ އެ ލިސްޓް އާންމުކުރަން ނުކެރިގެން އުޅެނީ ގައުމީ ސަލާމަތަށް އެކަމުގެ ސަބަބުން ކިހާ ނުރައްކަލެއް އޮވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް އައްޔަން ކުރަން އުޅުއްވާ އައްބާސް ޝަރީފާ ގުޅޭގޮތުން ޔާމީން ވިދާޅުވީ އޭނާ އަކީ މުރުއްވަތްތެރި ރަނގަޅު ބޭފުޅަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ.