އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގޮސް ބިދޭސީންތަކެއްގެ އަތުން ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް އިއްޔެ ތިން މީހަކު ވަދެ، ބަންގްލަދޭޝް މީހަކު އަތުން ފޭރިފައިވާ ކަމަށެވެ.
އެގޮތުން ބިދޭސީ މީހާ އަތުން ފޯނަކާއި 9000 ރުފިފާ ފޭރިގެންފައިވެ އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ގ. ބެރުގެ، މުހައްމަދު ނަވީން (44އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި، ބިދޭސީން ދިރިއުޅެމުންދިޔަ ގެއަކަށް ވަދެގެންނެވެ. މި މީހުން ވަނީ އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ، ގެ ބަލައި ފާސްކޮށް، ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ފޭރިގަނެފަ އެވެ.
މިކަމުގައި ހަރަކާތެރިވި ދެ މީހެއްގެ ފޮޓޯ ވަނީ ޝޯސަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވިދާޅުވީ އެ ފޮޓޯގައިވާ ދެ މީހުންނަކީ އިމިގްރޭޝަނާ ގުޅުމެއް ނެތް ބައެއްކަމަށާއި، އެ ދެ މީހުންގެ މައްސަލަ ފުލުހުން ބަލަމުންދާކަމަށެވެ.
ޝަމްއާން އިތުރަށް ވިދާޅުވީ އިމިގްރޭޝަންގެ ރަސްމީ ރެއިޑްތަކުގައި އޮފިސަރުންގެ އައިޑީ ކާޑު ފެންނަގޮތަށް ހުންނާނެކަމަށާއި، މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކަކީ ޔުނީފޯމު ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެއްކަމަށެވެ.
އިމިގްރޭޝަންގެ ނަމުގައި ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓުކޮށްފައިވާއިރު، އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ޔުނީފޯމެއް އަޅައިގެން ތިބެ ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރާ މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.
ބޭރު ގައުމެއްގެ ނަންބަރަކުން ވަޓްސްއެޕް މެދުވެރިކޮށް ކުރާ އެ ވީޑިއޯ ކޯލްތަކުގައި ހޯދަން މަސައްކަތްކުރަނީ މީހުންގެ ޒާތީ މައުލޫމާތާއި ބޭންކު ކާޑުގެ މައުލޫމާތެވެ.