ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދައުވަތަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ފުރައިފި އެވެ.

ޕީއެންސީއިން ބުނީ މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދައުވަތަކަށް ކުރާ ދަތުރެއްކަމަށެވެ. މި ދަތުރުގައި ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނެވެ.

އެ ދަތުރުގައި ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތް ކުރާނެކަމަށާއި އެ ޒިޔާރަތުގެ ތެރޭގައި އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޕީއެންސީއިން ބުނެ އެވެ.

އޭގެ އިތުރަށް މި ދަތުރުގައި ކޮންގްރެސްގެ ވަފުދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރު ލިއު ޖިންޗާއޯއާ ބައްދަލުކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ޗައިނާގެ އެކި ސިޓީތަކަށް ކުރާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކޮށް ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރުން ކުރިއަށްދާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

މި ދަތުރުކުރިއަށްދާނީ ސެޕްޓެންބަރު 18 ވަނަ ދުވަހުން ފެށިގެން 26 ސެޕްޓެންބަރުގެ ނިޔަލަށެވެ.