އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ވެރިކަންކުރާ ޕީއެންސީއަށް ނުކެރުނު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލަ ކޮމިޓީ މަރުހަލާގައި އޮންނަތާ ހަތަރު މަސް ވެއްޖެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ މައްސަލައާ މެދު ގޮތެއް ނުނިންމައި ކޮމިޓީގައި ބާއްވާފައި އޮންނަނީ އެކަމަށް މި ސަރުކާރުން އިސްކަން ނުދޭތީ ކަމަށެވެ.

ސަރުކާރުން އުޅެނީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތަކީ ވަރަށް ބޮޑެތި އިޖްރާއަތުތަކެއް ފުރިހަމަކޮށްގެން ކުރެވެން އޮތް ކަމެއްކަމަށް ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ލަސްވާތީ އިދިކޮޅު އެމްޑީޕީން ވެސް ވަނީ މީގެކުރިން ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެފައި ވަނީ ސަރުކާރުން ބޭނުންވާ ބިލްތައް އަވަސް އަވަހަށް ފާސްކުރަމުންދާއިރު، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ ބިލް އޮތީ ކޮމިޓީގައި ތާށިކޮށްލާފައި ކަމަށެވެ.