ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން އޭނާގެ މުދާތައް ނެގުމަށް އެ ބޭންކުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެސްބީއައިއިން ރިޔާޒުއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްފައިވާ 5،900،000ރ. އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުންނެވެ. ރިޔާޒުގެ އިތުރުން އޭނާގެ އާއިލީ ކުންފުނި ހިމެނޭގޮތަށް ހަތް މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.

ބޭންކުން ވަނީ ރިޔާޒާއި އޭނާގެ އައިލީ ކުންފުނިން ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ. އަދި އެ ފައިސާ އެއްކޮށް އެއްފަހަރާ ނުދެއްކޭނަމަ ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ ތަކެތި ވިއްކާލުމުގެ ހުއްދައަކަށް ވެސް ބޭންކުން ވަނީ އެދިފަ އެވެ.

ބޭންކުގައި ރަހުނުކޮށްފައިވާ ތަކެތި:

  • ގ.ސިނަމޯ
  • ގ.އަންޒާނީގެ
  • ގ.އަންޒާނީގެއާގެ
  • މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ ހުޅުމާލެ ލޮޓު
  • ރިޔާޒު ރަޝީދު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 1، ރިޔާ 2، ރިޔާ 3، އުޅަނދު
  • މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގައި ރަޖިސްޓްރީކޮށްފައިވާ ރިޔާ 8، ރިޔާ 10، ރިޔާ 7، ސަންސްޕީޑް1 އަދި ސަންސްޕީޑް 2

ރިޔާޒުގެ އިތުރުން މިމައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކަކީ:

  • މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް
  • ނާފިޒު ރަޝީދު، އޯކިޑްމާގެ، ތ.މަޑިފުށި
  • ދަފްތަރު ނަންބަރު ރސ5157، އިސްމާއިލް ޒުހުރީ
  • އާމިނަތު ނާޒުލީ އިބްރާހިމް، ގ.ސިނަމޯ
  • ހުސައިން ރިޔާޒު، ގ.އަންޒާނީގެ
  • މަރްޔަމް ނާޒިމާ، ގ.އަންޒާނީގެއާގެ

ހާއްސަ މަޖިލީހުގައި ތ. އަތޮޅުގެ މެންބަރު ކަން ކުރެއްވުމަށް ފަހު، ދެ ދައުރަކު ވިލުފުށި ދާއިރާގެ މެންބަރު ކަން ރިޔާޒު ކުރެއްވި އެވެ. އެންމެ ފަހުން ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އޭނާ އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ.