އޮލިމްޕަސް ސިނަމާގައި ދިވެހިން ގަޔާވާފަދަ ބޮޑެތި މީހުންނަށް ޚާއްސަ ލޯބީގެ ނޫނީ ބިރުވެރި ގިނަ ފިލްމުތަކެއް އަންނަނީ އަބަދުވެސް ސްކްރީންކުރަމުންނެވެ. ނަމަވެސް ކުޑަކުދިންނަށް ޚާއްސަ ފިލްމެއް އެންމެ ފަހުން އެޅުވި ދުވަހެއް ހަނދާނަކަށް ނާދެ އެވެ. މިފަހަރު މިއޮތީ ކުޑަކުދިން ވެސް އޮލިމްޕަސް ސިނަމާއަށް ގޮސް ފިލްމެއް ބަލާލަން ފުރުސަތު ލިބިފަ އެވެ. އަދި އެވެސް އެކުދިންގެ ސްކޫލް ބަންދާ ދިމާކޮށެވެ.

މިއީ ކުޑަކުދިންގެ މެދުގައި އެންމެ މަގްބޫލު އެއް ކެރެކްޓާ ކަމަށްވާ ދިވެހި ފަންނާނު ރޮބޯމޭންގެ ފަރާތުން ދޫކޮށްލާ ވަރަށް ޚާއްސަ ހަދިޔާއެކޭ ވެސް ބުނެވިދާނެ އެވެ. "ރޮބޯމޭން – ދަ މޫވީ" އޮލިމްޕަސް ސްކްރީނުގައި އަޅުވާ ދުވަސް މިވަނީ ދާދި ގާތްވެފަ އެވެ. މި މަހުގެ 26 ވާ ބުރާސްފަތި ދުވަހު މި ފިލްމުގެ ފުރަތަމަ ޝޯވް އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާ ކުރާއިރު މިއީ ސްކޫލުތައް ޗުއްޓީއަށް ބަންދުވާ ދުވަސްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ސެޕްޓެމްބަރު 26 އޮކްޓޫބަރު 5 އާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި މި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައިވާއިރު، މި ފިލްމަކީ ކުޑަކުދިންނަށް ޚާއްސަ ފިލްމެއްކަމުން ފިލްމު އަޅުވާނީ މެންދުރުފަހުގެ ގަޑީގަ އެވެ. ފިލްމުގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން 7656000 އަށް ގުޅައިގެން ޓިކެޓު ހޯދޭނެ އެވެ.

ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ ސްކޫލު ބަންދުތެރޭގައިކަމުން މިއީ ރަށްރަށުން މާލެއަށް ދަތުރުކުރާ ގިނަ ކުޑަކުދިންނަށް މި ފިލްމު އޮލިމްޕަހުގައި ބަލާލުމަށް ލިބިގެންދާނެ ފުރުސަތެކެވެ. ހަމަ އެހެންމެ ފިލްމު ޕްރޮޑީއުސްކުރާ ފަރާތުންވަނީ އޮލިމްޕަސް ސްކްރީނުގެ އިތުރުން ރަށްރަށުގައި މި ފިލްމު އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ރަށްރަށުން 7777968 އަށް ގުޅާލުމުން އެ މައުލޫމާތު ލިބޭނެ އެވެ.

"ރޮބޯމޭން – ދަ މޫވީ" މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ ފުރިހަމަ މޮޅު ފިލްމަށް ވެގެންދާނެ އެވެ. މި ފިލްމަކީ އޯކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާޓިސްޓުން ވެސް ފެނިގެންދާނެ އެވެ.