އެމަނިކުފާނުގެ ވެރިކަމުގައި އދ. ގައި ތަގުރީރު ނުކުރެއްވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް އިސްކަންދެއްވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނަށް އދ. ގައި ތަގުރީރު ކުރައްވަން ފުރުސަތު ލިބިވަޑައިގަތް ދުވަސްވަރަކީ ހައްޖުގެ އަޅުކަން އޮތް ދުވަސްވަރު ކަމަށެވެ. އެގޮތުން އެމަނިކުފާނު އިސްކުރެއްވީ ހައްޖުގެ އަޅުކަން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. ރައީސް ޔާމީނަށް ކުރިން ވަރަށް ބޮޑަށް ސަނާކިޔައ އުޅުނު ޝުޖާއު އެކްސްގައި ރައީސް ޔާމީނަށް ފާޑު ކިޔަމުން ބުނެފައި ވަނީ ރައީސް ޔާމީންއަށް ޔޫއެންއަށް ވަޑައިނުގެންނެވުނީ ކަންނެތްވުމުން ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ހައްޖުގެ އަޅުކަމަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތްތަނާ ދަތުރުފުޅުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ ކަމަށެވެ. އަދި އޭގެފަހުން ބައެއް ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބަޣާވާތްތަކެއް ކުރަމުން ދިޔަ ކަމަށާއި ދެން ޖެހިވަޑައިގަތީ ގައުމު ހަމަމަގަށް އަޅުވަން ކަމަށެވެ. އެހެންކަމުން އޭގެފަހުން އދ. އަށް ވަޑައިގަތުމުގެ ބަދަލުގައި އެމަނިކުފާނަށް މުހިންމުވީ ގައުމު ހަމަމަގަށް އަޅުވަން މަސައްކަތް ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ރާއްޖެ ހަމަމަގަށް އެޅުވުން އަޅުގަނޑަށް މުހިންމު އދ.އަށް ގޮސް އަޅުގަނޑުގެ އަމިއްލަ އަޑުން މައިކުން ވާހަކަދެއްކުމަށް ވުރެ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަން ހިންގަން ދަތިވާ ޒާތުގެ އެއްވެސް ކަމެއް ރައީސް މުއިއްޒަށް އަދި ކުރިމަތިވެވަޑައިގެންފައިނުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އދ. ގައި ތަގުރީރު ކުރެއްވުމަށް ދައްޗެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އދ. ގައި ރައީސް މުއިއްޒު ތަގުރީރު ކުރެއްވުމަކީ އާ ކަމެއްކަން ރައްޔިތުންނަށް ދެއްކުމުގެ ބޭނުމުގައި ދައުލަތުގެ މީޑިއާ މެދުވެރިކޮށް ސަރުކާރުން އަންނަނީ އެކަން ޕްރޮމޯޓްކުރަމުންނެވެ. އެކަމަކު މިދިޔަ ސަރުކާރުގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އދ. ގައި ތަގުރީރު ކުރައްވާފަ އެވެ.