ކުއަލަލަމްޕޫރު (ސެޕްޓެމްބަރު 29) - ޑޮލަރާ އަޅާބަލާއިރު މެލޭޝިއާގެ ރިންގިޓްގެ އަގުމަތިވެ، އެ ގައުމުގެ އިގްތިސާދާމެދު ޔަގީންކަން އިތުރުވެފައިވާ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ބުނެފި އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމުގައި މިއީ މާޗް 2022ގެ ފަހުން މެލޭޝިއާ ރިންގިޓްގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރިންގިޓަކީ މިހާރު ހަމައެކަނި މި ސަރަހައްދުގައި އެންމެ ރަނގަޅަށް ކުރިއަރަމުންދާ ފައިސާއެއް ނޫނެވެ. އެމެރިކާގެ ފެޑެރަލް ރިޒާވްގެ ބޮޑު އިންޓަރެސްޓް ރޭޓް ކަނޑާލުމާއެކު، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް އަގު އުފުލެމުން އަންނަ ފައިސާ ކަމަށް ވެސް ވެފައިވެ އެވެ.
ވޭތުވެދިޔަ 19 މަސްދުވަހުގެ ތެރޭގައި މެލޭޝިޔާގެ އިގްތިސާދު ވަރަށް އަވަސް ދުވެއްޔެއްގައި ކުރިއަރާފައިވާތީ މެލޭޝިއާއިން ހޯދި ކުރިއެރުމަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
މެލޭޝިއާގެ ފައިސާ މިހާ ބޮޑު ކުރިއެރުމެއް ހޯދިއިރު، އަވަށްޓެރި ތައިލެންޑާއި އިންޑޮނޭޝިއާ ސިޔާސީގޮތުން ވަނީ ހަލަބޮލިވެފަ އެވެ. ނަމަވެސް މެލޭޝިޔާގެ ބޮޑުވަޒީރު ކަމާ އަންވަރު އިބްރާހީމް ހަވާލުވި ފަހުން މެލޭޝިއާއަށް ލިބިފައިވާ ސިޔާސީ ހަމަޖެހުމަކީ އެ ގައުމުގެ އިގްތިސާދީ ކާމިޔާބީގެ މައިގަނޑު އެއް ސަބަބެވެ.
ރިންގިޓް ވަނީ ޑޮލަރާ އަޅާބަލާއިރު 4.1815 އަށް އުފުލިފަ އެވެ. ފާއިތުވި ހަފުތާގައި، ހުކުރު ދުވަހު ބަންދުވިއިރު ހުރީ 4.1230/1280 ގަ އެވެ. މިއީ މިިދިޔަ 30 މަސްދުވަހުގެ ތެރޭގައި އެމެރިކާ ޑޮލަރާ އަޅާބަލާއިރު ރިންގިޓް ހޯދި އެންމެ ބޮޑު ކުރިއެރުމެވެ.
މިހާރު، ލަފާކުރެވޭ ގޮތުގައި މިއަހަރުގެ ނިޔަލަށް ޑޮލަރެއްގެ އަގު ހަތަރު ރިންގިޓަށް ވެއްޓޭނެ އެވެ. މި އަހަރު ރިންގިޓްގެ ކުރިއެރުމަށް ބެލުމަށްފަހު ފިޗް ގްރޫޕްގެ ޔުނިޓެއް ކަމަށްވާ ބީއެމްއައި އިން ވަނީ އަހަރު ނިމޭއިރު ރިންގިޓުގެ އަގު ޑޮލަރަކަށް 4.55 އިން 4.0 އަށް ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ.
ބީއެމްއައި އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރިންގިޓް އިތުރަށް ނުވަ ޕަސެންޓް ވަރުގަދަ ވާނެ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރަކަށް ލިބޭނެ ރިންގިޓްގެ މިންވަރު 3.55 އަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރިންގިޓްގެ އަގު އުފުލޭއިރު ރިންގިޓްގެ ރޭޓް ވަރަށް ބޮޑަށް ބޭރު ދުނިޔޭގެ ކަންކަންކަމަށް ބަރޯސާވެފައިވެ އެވެ. އެގޮތުން އެމެރިކާގެ ފެޑެރަލް އިންޓަރެސްޓް ރޭޓުގެ މިސްރާބަށާއި މެލޭޝިއާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށްވާ ޗައިނާގެ ކުރިއެރުމަކީ ރިންގިޓްގެ ރޭޓާ ގުޅިފައިވާ ކަންކަމެވެ.
ޑޮލަރާ އަޅާބަލާއިރު ރިންގިޓްގެ އަގު 5 ރިންގިޓަށް ދަށް ވެދާނެކަމުގެ ބިރު މިދިޔަ އަހަރުގެ ތެރޭގައި އުފެދުނެވެ. ނަމަވެސް މިހާރު ރިންގިޓް ވަނީ ޑޮލަރާ އަޅާބަލާއިރު 12 އިންސައްތައަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މިދިޔަ ހަފްތާގައި، ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓުކުރި ގޮތުގައި "މެލޭޝިއާގެ ރައްޔިތުންނަށް، ރިންގިޓާއި އެމެރިކާ ޑޮލަރާ ދެމެދު އޮންނަ އެކްސްޗޭންޖް ރޭޓާއި، ސިންގަޕޫރު ޑޮލަރު އަދި ތައި ބާތު ފަދަ ސަރަޙައްދީ ފައިސާތަކާ ދެމެދު އޮންނަ އެކްސްޗޭންޖް ރޭޓުން ދައްކައިދެނީ މެލޭޝިޔާގެ އިގްތިޞާދަށް އަންނަ ކުރިއެރުމާއި ސަރުކާރާމެދު އޮތް ޔަގީންކަން ކަމެވެ."
މިހާރުގެ ބޮޑުވަޒީރު އަންވަރުގެ ވެރިކަމުގައި މެލޭޝިއާގައި ވަނީ ސިޔާސީގޮތުން ހަމަޖެހުން ގާއިމުކޮށްފަ އެވެ. އެހެންކަމުން އޭނާގެ މަދަނީ އެއްބައިވަންތަ ސަރުކާރު އެހާ އަވަހަށް ބަދަލުވާނެކަމަކަށް ނުބެލެވެ އެވެ.
ބޭންކް މުއަމަލާތު މެލޭޝިޔާގެ ޗީފް އިކޮނޮމިސްޓް މުހައްމަދު އަފްޒަނިޒަމް އަބްދުއްރަޝީދު ވިދާޅުވެފައިވަނީ މި ހަމަޖެހުމުގެ ސަބަބުން ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުން އިތުރަށް ހަރުދަނާވެ، ރިންގިޓަށް އޮތް އިތުބާރު ވަރުގަދަވެފައިވާ ކަމަށެވެ.
"މީގެ ސަބަބުން ކްރެޑިޓް ރޭޓިން އޭޖެންސީތަކާއި ގްލޯބަލް އިންވެސްޓްމަންޓް ބޭންކުތަކުން ދޭ ރިވިއުތައް ރަނގަޅުވެފައިވޭ،" އޭނާ ވިދާޅުވި އެވެ.
ރޮއިޓާސް އިން އޯގަސްޓްމަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ މެލޭޝިޔާ ބާރު ސްޕީޑެއްގައި ދެކުނު އޭޝިޔާގެ މަގުބޫލު ގައުމަކަށް ވަމުން އަންނައިރު، ސިޔާސީ ބަދަލުތަކާ ކުރިމަތިލަމުންދާ އެހެން ގައުމުތަކާ ހިލާފަށް އިގްތިސާދީ ކުރިއެރުމާއި، ސަރުކާރުގެ ހަމަޖެހުމާއި ފައިސާގެ އަގު މަތިވަމުންދިއުމާއެކު، ކުރިން އެހާ ސަމާލުކަން ނުދެވުނު މެލޭޝިއާ މާކެޓަށް ބޭރުގެ އިންވެސްޓަރުން އަނބުރާ އަންނަން ފަށާފައިވާ ކަމަށެވެ.
މެލޭޝިޔާގެ ގިނަ ރައްޔިތުންގެ މެދުގައި، ދިރިއުޅުމުގެ އަގު ބޮޑުވުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ނަމަވެސް، އިންފްލޭޝަން ރޭޓް ވަނީ ޖުލައި 2024 ގައި 2 އިންސައްތައިން އޯގަސްޓް މަހު 1.90 އިންސައްތައަށް ދަށްވެފަ އެވެ.
ޓްރޭޑިން އިކޮނޮމިކްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ފަރާތުގެ ގްލޯބަލް މެކްރޯ މޮޑެލްތަކާއި އެނަލިސްޓުންގެ ފޯކާސްޓްތަކަށް ބަލާއިރު، މި އަހަރުގެ ނިޔަލަށް މެލޭޝިއާގެ އިންފްލޭޝަން ރޭޓް 1.50 އިންސައްތާގައި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.
މީގެ އިތުރުން، މުހިންމު ކަމަކީ، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަޒީފާތަކުގެ އަދަދު 1.5 އިންސައްތަ އިތުރުވެ 8.94 މިލިއަނަށް އަރާފައިވުމެވެ. މިއީ 2018 އިން ފެށިގެން ރެކޯޑުކުރެވުނު އެންމެ މަތީ އަދަދެކެވެ.
ޗީފް ސްޓެޓިސްޓީޝަން މުޙައްމަދު އުޒީރު މަހިދީން ވިދާޅުވެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 8.81 މިލިއަން ވަޒީފާ ރެކޯޑުކުރެވިފައިވެ އެވެ.
މެލޭޝިއާގެ ރައްޔިތުން މިހާރު އިންތިޒާރުކުރަނީ އަހަރީ އިގްތިސާދީ ރިޕޯޓާއި އަދި ކުރިއަށް އޮތް މަހު ޕާލަމެންޓަށް ހުށަހަޅާ ބަޖެޓަށެވެ. އޭރުން ކުރިއަށް އެ ގައުމަށް އޮތް ކާމިޔާބީ ތަކުގެ ތަފްސީލު އެނގިގެންދާނެ ކަމަށް ބެލެވެ އެވެ. -- ދަ ސްޓާ
މިއީ މަޢުލޫމާތު މުއްސަނދި ވަރަށްފުރިހަމަ ލިޔުމެއް