ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ ޢުމްރާނީ މަޝްރޫއުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، އެ ގައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ އަޒުމާއި، އަދި ސާބިތުކަން ފާހަގަކުރައްވާފަ އެވެ. އަދި ދުނިޔޭގެ އިގްތިސާދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

‎އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިގްލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ސަގާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަސައްވުރު ހިއްސާކުރައްވާފައިވެ އެވެ.

‎މުސްތަގްބަލުގައި ދެ ގައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަގީންކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.