އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބޮޑު ވަފުދަކާ އެކު މިއަދު މެންދުރު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން އޮކްޓޯބަރު 6 - 10 އަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގއުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުޢިއްޒު، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސްގެ ދަތުރުފުޅުގައި ބައިވެރިވާ ވަފުދުގެ ބައެއް މެންބަރުން:

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
  • ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  • ހޯމް މިނިސްޓަރު އަލީ އިހްސާން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
  • ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  • ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް
  • ބަންޑާރަ ނައިބު އަހުމަދު އުޝާމް
  • ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް
  • ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
  • އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
  • ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ގިޔާސް
  • ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
  • ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު

މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި ސަރުކާރަށް ސަނާ ކިޔާ މީޑިއާތައް ކަމަށްވާ ޕީއެސްއެމް އާއި މިހާރު ނޫހާއި ސަންގު ޓީވީ އާއި ވަގުތު އަދި ދިޔަރެސް ނޫހުގެ ރިޕޯޓަރުން ބައިވެރިކޮށްފައިވެ އެވެ.

އިންޑިއާ ސަރުކާރުން ހަމަޖެއްސި ޚާއްސަ މަތިންދާބޯޓެއްގައި ރައީސް ފުރަތަމަ ވަޑައިގަންނަވާނީ ވެރިރަށް ދިއްލީ އަށެވެ. އިންޑިއާގެ ވެރިރަށުގައި ދިރިއުޅޭ ދިވެހިންނާ ރައީސް މިރޭ ބައްދަލު ކުރައްވާނެ އެވެ. އޭގެ ކުރިން މިއަދު ހަވީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވާނެ އެވެ.

ރައީސަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ މާދަމާ ހެނދުނެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ރައީސް މުއިއްޒު މާދަމާ ބައްދަލުކުރައްވާނެ އެވެ. ރައީސްގެ މި ދަތުރުފުޅުގައި މުމްބާއީ އާއި ބެންގަލޯރަށް ވެސް ވަޑައިގަންނަވާނެ އެވެ.

ރައީސް މުއިއްޒު މަގާމާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ. އޭގެ ފަހުން ބޮޑުވަޒީރު މޯދީ އާ ދައުރަކަށް ބޮޑުވަޒީރުކަމަށް ހުވާ ކުރެއްވި ރަސްމިއްުޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒު ވެެރިކަމަށް ވަޑައިގަތް ފަހުން ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އިންޑިއާއާ ވާދަވެރި ޗައިނާއާ މާބޮޑަށް ގުޅުން ބަދަހިކޮށް އެހީތައް ލިބޭނެ ކަމަށް ބެލި ނަމަވެސް ޗައިނާގެ ފަރާތުން އެދެވޭ ނަތީޖާއެއް ނުލިބުނެވެ. އެހެންވެ ރާއްޖޭގެ އިގްތިސާދު ހީނަރުވެފައި އޮތް މި ދަނޑިވަޅު އިންޑިއާ އިން އެހީ ހޯދުމުގެ ބޭނުމުގައި އިންޑިއާއާ ގުޅުން ބަދަލުކުރަން ވަނީ ފަށައިފަ އެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވީ ރައީސް މުއިއްޒު ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބޮޑުވަޒީރު މޯދީ އަށް ހަޖޫޖެހި މައްސަލައިގަ އެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ދެއްވި ނޫސް ކޮންފަރެންސްގައި ވެސް އިންޑިއާ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.