ރައީސް މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވިއިރު އަރައިގެން ހުންނެވި ބޫޓުކޮޅަށް އާންމުންގެ ސަމާލުކަން ލިބިއްޖެ އެވެ.

ރައީސް މުއިއްޒު އަރައިގެން ހުންނެވީ އިޓަލީގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ، "ސަލްވަތޯރޭ ފެރެގާމޯ" ބްރޭންޑްގެ އަގުބޮޑު ބޫޓުކޮޅެއްކަން ފޮޓޯއިން އެނގެ އެވެ.

ރައީސް މުއިއްޒު އަރައިގެން ހުންނެވި އަގުބޮޑު ބޫޓުކޮޅު

މި ބޫޓު އޮންލައިންކޮށް ވިއްކަން ހުންނަނީ 1090 ޑޮލަރަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 16،807ރ އަށެވެ.

ރާއްޖޭގެ މާލީހާލަތު ދައްވެ، އެކި ގައުމުތަކުން އެހީތެރިކަމަށް އެދެމުންދާ މިދަނޑިވަޅުގައި، އެފަދަ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވިއިރު މިފަދަ އަގުބޮޑު ބޫޓުކޮޅަކަށް އަރައިގެން ހުންނެވުމުން އާންމުންގެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

އިންޑިއާއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެއް މިއަދު މެންދުރު ރައީސް މުއިއްޒު ވަނީ ބޮޑު ވަފުދަކާއެކު ފުރާވަޑައިގެންފަ އެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް ވިދާޅުވީ އިންޑިޔާއަށް ރާއްޖޭގެ މާލީ ހާލަތު ރަނގަޅަށް އެނގޭނެކަމަށާއި، އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެ ގައުމު އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށެވެ.