މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު އުވާލަން ޖެހޭ ކަމަށާއި އެ ދަފްތަރާ ހެދި ސަލާމަތް ނުވެވިގެން އުޅުއްވާ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ދަފްތަރަކީ މާބޮޑު ފައިދާއެއް ކުރާ ދަފްތަރަކަށް ނުވާއިރު، އެ ދަފްތަރަކީ މާކުރިން ވެސް އުވާލަން ޖެހިފައިވާ އެއްޗެއް ކަމަށެވެ.

މިނިސްޓަރު އަސްލަމް މިއަދު މަޖިލީހަށް ވަޑައިގެންނެވީ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ހުށައެޅުއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިނިސްޓަރު އަސްލަމާ މިއަދު ސުވާލުކުރައްވަނީ. ފޮޓޯ: މަޖްލިސް

މިނިސްޓަރު ވިދާޅުވީ ރަށްރަށުން ފަހި ނުވާކަންކަން ހާސިލް ކުރުމަށް އަތޮޅު ތެރެއިން މާލެއަށް އަންނަ މީހުން މާލޭ ދަފްތަރުގައި ޖެހުމުގެ މާބޮޑު ބޭނުމެއް ނުވިސްނޭ ކަމަށާއި ރަށްރަށުގައި އުޅޭނެ ގެދޮރު ހުރެ ތަނަވަސްކަމާއެކު އުޅެވެން އޮތްނަމަވެސް، ބައެއް މީހުން މާލެއަށް އައިސް މާލޭގެ ދަފްތަރުގައި ޖެހެންވީ އެއްވެސް ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން މާލޭގައި ވިހޭ މީހަކު އޭނާ ރަޖިސްޓްރީގައި ޖައްސާނެ އެހެން ތަނެއް ނެތީމާ ޖެހޭނެ ކޮންމެ ވެސް ތަނެއްގައި ރަޖިސްޓްރީ ޖައްސަން. އެކަމަކު މިސާލަކަށް އަޅުގަނޑު އުމުރުން ފަސް އަހަރުގައި މާލެއައީ. އަޅުގަނޑު ގަބޫލެއް ނުކުރަން ފަސް އަހަރުން ފެށިގެން މާލޭގައި އުޅުނީމަ އެއީ މާލޭގައި އަޅުގަނޑު ރަޖިސްޓްރީ ޖައްސަން ޖެހޭ ސަބަބެއް ކަމަށް،" އަސްލަމް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީ. އަޅުގަނޑުގެ އިޚްތިޔާރުގައި އަޅުގަނޑު މާލެއަށް އައިސްފައި މިހިރީ. ރަޖިސްޓްރީގައި ޖެއްސޭނެ ގޮތް އެބައޮތް އެއީ ލާރިކޮޅެއް ހޯދައިގެން ތަނެއް ގަނެގެން. ދަފްތަރަކީ މާކުރިން ވެސް އުވާލަންޖެހޭ އެއްޗެއް. މިއާހެދި މިއުޅެނީ ސަލާމަތްނުވެވިގެން."

ރަޖިސްޓްރީގައި ޖެއްސޭނެ ގޮތް އެބައޮތް އެއީ ލާރިކޮޅެއް ހޯދައިގެން ތަނެއް ގަނެގެން. ދަފްތަރަކީ މާކުރިން ވެސް އުވާލަންޖެހޭ އެއްޗެއް. މިއާހެދި މިއުޅެނީ ސަލާމަތްނުވެވިގެން،
މިނިސްޓަރު އަސްލަމް

އަސްލަމް ދެއްކި ވާހަކައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ދާއިމީ އެޑްރެސްއެއް ކޮންމެ މީހެއްގެ އޮންނަން ޖެހޭ ސަބަބެއް ސާފުވެވަޑައިނުގަންނަވާ ކަމަށާއި ވޯޓުލަނީ ދިރިއުޅޭ ތަނަށް ކަމަށާއި ބޭނުންވާ ތަނަށް ވޯޓުލާން ރަޖިސްޓްރީ ވެވޭ ކަމަށާއި ދިރިއުޅޭ އެޑްރެސް ހުރިހާ ވުޒާރާތަކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.