ސަރުކާރުން މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަސައްކަތް ފަށައިފި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސޯލިހް މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދާ އެމްޑީޕީ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލައި ބާރުތައް އެއްކޮށް ޖަމާކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުން ދާކަމަށެވެ. އެގޮތުން މިހާރު އެޓޯލްސް މިނިސްޓްރީ އުފައްދާފައިވާ ކަމަށެވެ.

ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީ ލާމަރުކަޒީ ގުޅުން ކޮންފަރެންސް: ފޮޓޯ އެމްޑީޕީ

މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ނަމުގައި ވަނީ މިނިސްޓްރީއެއް އުފައްދާފަ އެވެ. މިނިސްޓްރީ އުފެއްދުމާއެކު އެ މިނިސްޓްރީގެ މަސައްކަތްތައް ފުށުއަރާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު މި ނިޒާމު ފުނޑާލާ ކަމަށެވެ.

ބާރުތައް އެއްކޮށް ޖަމާކޮށްފައި އޮތުމުން މިއަދު މިވަނީ ބައެއްގެ ނުފޫޒުގެ ތެރެއަށް ވަދެ އަމިއްލައަށް ކަމެއް ނުކުރެވޭގޮތަށް ކަންކަން ބަދަލުވެފައި ކަމަށް ސޯލިހް ވިދާޅުވި އެވެ. އެހެންކަމުން މިކަމާ އިދިކޮޅަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭނެ ކަމަށާއި އެމްޑީޕީގެ ކޮންފަރެންސްގައި ދެކެވޭ ވާހަކަތަކަށް ބިނާކޮށް އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ވީ އެންމެ އަވަހަކަށް ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީ ލާމަރުކަޒީ ގުޅުން ކޮންފަރެންސް: ފޮޓޯ އެމްޑީޕީ

"މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުން ދައްކާ ވާހަކައެއް ގަބޫލުކުރާ ބައެއް ނޫން. ހިތުހުރި ގޮތަކަށް އަމިއްލަ ފައިދާއަށް ހުރިހާ ކަމެއް ކުރަމުންދަނީ. ހުދުމުހުތާރު ވެރިކަމަކީ މިހާރު މި ސަރުކާރު މިސްރާބުޖަހާފައިވާ ދިމާ" ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީން މައި އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ ސޯލިހް ވިދާޅުވީ ވެރިކަމުގައި އެމްޑީޕީ އޮތްއިރު އެމްޑީޕީއަށް އަމިއްލަ އަށް ފެނިގެން ބައެއް ބޭފުޅުން ފައިސާގެ އެހީތެރިކަން ދެއްވިކަމަށެވެ. ނަމަވެސް އިދިކޮޅުގައި ތިބޭއިރު އެގޮތަށް އެހީވުމަށް މީހުން ފަސްޖެހޭކަމަށެވެ. ޑީއާރްޕީ، ޕީޕީއެމް އަދި ޕީއެންސީ ވިޔަސް ވެރިކަމަށް އަތުވެއްޖެ ނަމަ ރައްޔިތުންނަށް އެފަދަ ބިރުވެރިކަން އޮންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީ ލާމަރުކަޒީ ގުޅުން ކޮންފަރެންސް: ފޮޓޯ އެމްޑީޕީ

މިއާއެކު އެމްޑީޕީން އާންމުދަނީ ހޯދުމަށް ފަށާފައިވާ މަސައްކަތަށް ރައީސް ސޯލިހްވަނީ މަރުހަބާ ދަންނަވާފަ އެވެ.

މިފަދަ ބައްދަލުވުމެއްގައި މިސަރުކާރު ކުރިއަށް މިދަނީ ކޮން މިސްރާބަކަށްތޯ އަދި ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ބަލަން އެބަޖެހޭ ކަމަށް ސޯލިހް ވިދާޅުވި އެވެ.

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ހަގީގަތަށް ނުބަލާ ވީ ވައުދު ތަކުގެ ސަބަބުން މިއަދު ސަރުކާރަށް އެއްވެސް ކަމެއް ނުވާކަން ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ. އެގޮތުން ހުރިހާ ރަށްތަކުގައި އެމްޑީޕީގެ ސަރުކާރުން ފެށި މަސްރޫއުތައް ވަނީ ހުއްޓާލާފައި ކަމަށާއި އަދި މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވެވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީ ލާމަރުކަޒީ ގުޅުން ކޮންފަރެންސް: ފޮޓޯ އެމްޑީޕީ

"މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދުމަށް މި ސަރުކާރަށް ކޮށްދެވުނީ ކޮންކަމެއްތޯ؟ އެންމެ ގާފޮއްޗެއްޗެސް އެއް އަހަރުވެގެން ދިޔައިރު ބޭއްވިއްޖެތޯ؟ އެއްވެސް ކޮންޓްރެކްޓެއްގައި ސޮއި ކުރެވިއްޖެތޯ؟ ހަމައެކަނި ކުރެވުނު ކަމަކީ އަޅުގަނޑުމެން ފަށާފައިއޮތް 4000 ފުލެޓްގެ ތެރެއިން ނިމުނު 700 ފްލެޓާ ހަވާލުވުމުގެ ލިޔުން ހަވާލުކުރެވުން" ސޯލިހު ވިދާޅުވި އެވެ.

މާލޭ ރައްޔިތުންނަށް ކަމެއްކޮށްދޭނަމަ އެންމެ މުހިއްމުކަމަކީ މާލެ ރައްޔިތުންނަށް ލިބިފައިހުރި ފްލެޓްތަކާއި ގޯތިތައް ދިނުންކަމަށް ސޯލިހު ވިދާޅުވި އެވެ. "އުތުރު ތިލަ ފަޅުގައި ބިންހިއްކައިގެން ދަނޑުވެރިކަމެއް ނޫން ކުރަންވީކީ. އެތަނުން މާލެ ރައްޔިތުންނަށް ގޯތި ދޭންވީ" ސޯލިހު ވިދާޅުވި އެވެ.

ފެންނަނީ ސަރުކާރު ހިންގަން ނޭނގިގެން އުޅޭތަންކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން ކުރާހާވެސް ކަމަކީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުނަށް ހަރަދުކުރުން ކަމަށާއި ޕްރޮޖެކްޓްތައް ހުއްޓާލާފައި އޭގެން ލިބުނު ފައިސާވެސް ހަރަދުކުރީ ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީ ލާމަރުކަޒީ ގުޅުން ކޮންފަރެންސް: ފޮޓޯ އެމްޑީޕީ

ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 9 ބިލިއަނަށްވުރެ ގިނަ ރުފިޔާ މުސާރަ ދިނުމަށް ހަރަދުކޮށްފި ކަމަށްވެސް ސޯލިހް ވިދާޅުވި އެވެ. ހަރަދު ކުޑަކުރަންޖެހިފައިވާއިރު އެކަމަށްވެސް ސަރުކާރުގައި ހިތްވަރު ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.