މިރޭގެ ފުލް މޫނަކީ މި އަހަރު ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިރޭ ހަނދު އަރާނީ ހަވީރު 5:49 ގައި ކަމަށެވެ. އަދި އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައި ކަމަށެވެ.

މިރޭ ފެންނާނީ ސުޕަ ހަންޓާޒް ފުލް މޫންއެކެވެ.

ސުޕަ މޫން އަކީ އާންމުކޮށް ހަނދު ފެންނަ ވަރަށް ވުރެ 17 ޕަސެންޓް ބޮޑުކޮށް، 30 ޕަސެންޓް އަލި ގަދަކޮށް ހަނދު ފެންނަ ނަމަ ކިޔާ ނަމެކެވެ. އުޑުމަތި ސާފު ރެއެއްގައި ސުޕަމޫން އެއް ވަރަށް ހިތްގައިމުވާނެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަކީ ފަލަކީ އިލްމުވެރިއެކެވެ. އެހެންކަމުން މިކަހަލަ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާއި ހިއްސާކުރެއްވުމަކީ އެމަނިކުފާނު އާންމުކޮށް ކުރައްވާ ކަމެކެވެ.