ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮންނަ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ ތެރޭގައި މިހާރުވެސް ދެ ފިކުރެއް އެބަ އޮތްކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން މައުރޫފް ވިދާޅުވީ މަޖިލީހުގައި ޕީއެންސީ މެންބަރުން ދެބައިވުމުގެ ނިޝާންތައް ފެންނަން ފަށައިފާވާކަމަށެވެ.

މަޖިލީހުގެ ބައެއް މެންބަރުން ދައްކަވާ ވާހަކަފުޅުތަކުން ޕީއެންސީގެ މަޖިލިސް މެންބަރުންގެ މެދުގައި ދެ ހިޔާލެއްގެ އޮއިވަރު ހިނގަމުންދާކަން ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ މަޖިލީހުގެ މެންބަރުން ޖަލްސާއިން ބޭރުން އެއްވެ ވާހަކަދައްކާ ސަރަހައްދުގައި ބައެއް މެންބަރުން ސަރުކާރުން ހުށަހަޅާ ބިލުތަކާ ދެކޮޅަށް ކުރިއަށް އޮތް ތަނުގައި ވޯޓު ދޭނެކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެ މެންބަރުން ސަރުކާރު ބިލުތަކަށް ވޯޓު ދިނުމަށް އިންކާރުކުރާ ހިސާބަށް ދިޔާއީ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ތެރެއިން ވަކި އެއްބަޔަކު މާ ބޮޑަށް ކޮރަޕްޝަން ހިންގަމުންދާތީ އެކަމާމެދު ވެސް ކޮންގްރެސްގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. މި ކަންކަމުގެ ސަބަބުން މެންބަރުންނަށް މިހާރު ދާއިރާތަކަށް ދިއުން ލަދުވެތި ކަމަކަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި ކުރިން ޕީއެންސީއަށް ތާއީދު ކުރި މަޖިލިސް މެންބަރުން މި ސަރުކާރާ ދެކޮޅަށް ވާހަކަދައްކަވަމުން ދާކަން ފާހަގަކުރެވެ އެވެ. އެގޮތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ގެ އިތުރުން ކުރިން ޕީއެންސީއަށް ތާއީދުކުރި ވެލިދޫ ދާއިރާގެ މެންބަރުން މުހައްމަދު އައްބާސްވެސް ވަނީ ސަރުކާރުގެ އެކި ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޕީއެންސީ ތެރޭގައި ރައީސް މުއިއްޒު އާއި މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ދެމެދު ވާދަވެރިކަމެއް އުފެދި ދެ ފެކްޝަނެއް އުފެދިފައިވާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެގޮތުން އަބްދުއްރަހީމަށް ތާއީދުކުރާ ބައެއް މެންބަރުން ދަނީ ސަރުކާރަށް އެކި ގޮތްގޮތުން ފާޑުކިޔަމުންނެވެ.