ވައިގެ މަގުން ރާއްޖެ އެތެރެކުރި 2.05 ކިލޯގެ ހެރޮއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 15ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި ދެ ފަސިންޖަރުންގެ ލަގެޖުގެ ތެރެއިންކަމަށް މިއަދު ވަނީ ހާމަކޮށްފަ އެވެ.
މަސްތުވާތަކެތި އެތެރެކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ 41 އަހަރުގެ ފިރެހެނަކާއި 38 އަހަރުގެ އަންހެނެއްކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
އެ ދެމީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ލަގެޖް ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން ޓެސްޓުކުރި ކަމަށާއި އެތަކެތި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްއިން ބުންޏެވެ.
އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 2.05 ކިލޯ ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގަކީ 2.05 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގެން މަސްތުވާތަކެތީގެ އިތުރުން އެތަކެތި އެތެރެކުރި ދެ ފަސިންޖަރުން ފުލުހުންނާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.