މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަށް ގައިޑެންސް ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޭއްވުނު ފުރަތަމަ ފެއާ މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޣާޒީ ސްކޫލްގަ އެވެ.

"އެމްއޭސީއެލް ކެރިއާ 2024" ގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއާޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަޤުބަލާއި މެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުމެވެ.

މިއަދުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލައްމާން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ޣާޒީ ސްކޫލްގެ ފަރާތުން، ޕްރިންސިޕަލް ބަޝީރާ މުހައްމަދު އަދި ސްކޫލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

"އެމްއޭސީއެލް ކެރިއާ 2024" ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމްއޭސީއެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ. ގިނަ އެއާޕޯޓުތަކާއި ހިލާފަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ވަކި ރަށެއްގައި ހިންގާ އެއަރޕޯޓެއްކަން ފާހަގަ ކުރައްވަމުން އެމްޑީ ވިދާޅުވީ މި ރަށަކީ އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރަށް ވަރަށް ގިނަ މުނިސިޕަލް ޚިދުމަތްތަކާއި އެހެނިހެން ދާއިރާތަކެއްވެސް ހުރި ތަނެއް ކަމަށެވެ. އެހެންކަމުން އެމްއޭސީއެލް އަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ކުންފުންޏެއް ކަމަށާއި، ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް އެމްޑީ ވިދާޅުވި އެވެ.

"އެމްއޭސީއެލް ކެރިއާ 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޣާޒީ ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ ވިދާޅުވީ ދަރިވަރުން ސްކޫލް ނިންމާއިރު އެކުދިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އެނގިގެން ދިއުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ސްކޫލްތަކާއި މުޖުތަމައު އާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށާއި އެމްއޭސީއެލް ކަހަލަ ބޮޑު ކުންފުންޏަކުން މިފަދަ ހަރަކާތެއް ބޭއްވުމަކީ އެ ކުންފުނިން ގައުމު ބިނާކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ޕްރިންސިޕަލް ބަޝީރާ ވަނީ މި ފަދަ ފުރުސަތެއް ދަރިވަރުންނަށް ފޯރުކޮށްދިނީތީ އެމްއޭސީއެލްގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރުއަދާކޮށްފަ އެވެ.

"އެމްއޭސީއެލް ކެރިއަރ 2024" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ސެޝަންއެއްގައި ލަކީޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި ފެއާ ކުރިއަށްދާ ވަގުތު ގުރުއަތުން ހޮވޭ 10 ދަރިވަރަކަށް ހަދިޔާ ލިބިގެން ދާނެ އެވެ.