ހއ ހޯރަފުށީގައި ރަހީނުކޮށް މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) ގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލި މީހެއްގެ އަދަބު 15 އަހަރަށް ހައި ކޯޓުން ދަށްކޮށްފި އެވެ.

ސެޕްޓެމްބަރު، 2010 ގައި ހުސޭނުބޭ ރަހީނުކޮށް، އޭނާގެ ގެއިން ވައްކަން ކުރުމަށް އޭނާ ރަހީނުކޮށްގެން ގެންގުޅެނިކޮށް މަރުވި މައްސަލާގައި ތިން މީހަކު އުމުރަށް ޖަލަށްލާން ހުކުމްކުރި އެވެ. އޭގެ ތެރެއިން ހއ. ހޯރަފުށީ ޅޮހީގެ، މުހައްމަދު ލަތީފްގެ މައްސަލާގައި ހައި ކޯޓުން ނިންމީ އޭނާގެ އަދަބު 15 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކުރުމަށެވެ.

ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ ލަތީފްގެ އަދަބު ހައި ކޯޓުން ދަށްކުރީ އޭނާ ކުރި އަމަލަކީ ހުސޭނުބޭ ރަހީނު ކުރަން އެހީތެރިވުމާއި ފާރަލުމާއި ވައްކަން ކުރުން ކަމަށް ވާތީ އެވެ. ޓެރަރިޒަމްގެ އަމަލަކަށް އެހީތެރިވުމުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ގާނޫނުގައި އޮންނާތީ ހައި ކޯޓުން ނިންމީ އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އެންގީ ގާނޫނާ ޚިލާފަށް ކަމަށެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވިޔަސް، އަދަބު ގޯސްކޮށް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އޭނާ 15 އަހަރަށް ޖަލަށްލުމަށާއި އަދި ކުރިން ޖަލުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމަށެވެ. ޖަލުގައި ހޭދަކުރި 10 އަހަރަށް ވުރެ ގިނަ ދުވަސް އުނިކުރުމުން ލަތީފް ދެން ޖަލުގައި ހޭދަކުރަން ޖެހޭނީ ހަތަރު އަހަރާއި ދުވަސްކޮޅެކެވެ. އެންމެ ލަސްވެގެން 2025 ވަނަ އަހަރު އޭނާ މިނިވަންވާނެ އެވެ.