އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަންހެނެއްގެ ފޮޓޯ ކުރަހަން އިންނެވި ފޮޓޯ އަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވީ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ގެ މައްސަލަ ބެލުމަށެވެ. އެ ކޮމިޓީން ނިންމާފައި ވަނީ ޝުއައިބު ކޮމިޓީން ވަކިކުރުމަށެވެ. ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގެ ފޮޓޯ އެންމެ ފުރަތަމަ އާންމުކޮށްފައި ވަނީ އެމްޑީޕީގެ ރަސްމީ އެކައުންޓުގަ އެވެ. އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ޑރ. މުސްތަފާ ލުތުފީ އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ފޮޓޯ އިން ފެންނަނީ އިންތި ގަލަމެއް ބޭނުންކޮށްގެން ގަނޑެއްގައި އަންހެން މީހެއްގެ ސޫރަ ސިފަވާ ގޮތަށް ކުރެހުމެއް ކުރަހަން އިންނެވި ތަނެވެ.

އެ ފޮޓޯ އާންމުވުމާ އެކީގައި ގިނަ ބަޔަކު ވަނީ "މިއީ ކޮން ކަމެއްތޯ" ސުވާލުކޮށްފަ އެވެ. އެކަކު ބުނީ އިންތިއަކީ ކުރަހަން މޮޅު ބޭފުޅެއް ކަމަށް ބުނެފަ އެވެ.

އަނެއް ބަޔަކު އިންތި އަށް ކީ ފާޑެވެ. އެ މީހުން ބުނީ މުހިންމު ބައްދަލުވުމުގައި މާ ބޮޑު ސަމާލުކަމެއް ނުދީ، އިންތި އިންނެވީ ކުރަހަން ކަމަށެވެ. އަދި އިންތިއަކީ "ވަހުޝީ" ކަމުން ހައްދުފަހަނައަޅާފައިވާ ބޭފުޅެއް ކަމަށް އެކަކު ކޮމެންޓު ކުރި އެވެ.

އެކަމާއި ގުޅިގެން އިންތި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެކަން ފާހަގަކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް "އިމޯޖީ" އަކުން އިންތި ވަނީ ޖަވާބު ދެއްވައިފަ އެވެ.