އާސަންދަ ހިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރުކުރުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މިއަދު އެމްޑީޕީގެ ފަރާތުން މި މައްސަލަ ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރުން މުހައްމަދު އިބްރާހިމް އެވެ.
މި މައްސަލައާއި ގުޅޭ ގޮތުން މަޖިލީހުގެ ރިޔާސަތުން ނިންމެވީ ހުށަހެޅި މައްސަލައަކީ ކުއްލި މައްސަލައެއްގެ ޝަރުތުހަމަނުވާ މައްސަލައެއް ކަމަށާއި އެހެންކަމުން އެ މަސައްލަ ބަލައިގަނެވެން ނެތްކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު ކުއްލި މައްސަލައެއްގެ ޝަރުތު ފުރިހަމަވާކަމަށް ދެންނެވޭކަށް ނެތް. އެއީ އެ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ ކުއްލި މައްސަލަ ވާންވާނީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމަކަށް ކަމަށާއި އަދި އެއީ ވޭތުވެދިޔަ ހަތް ދުވަސް ތެރޭގައި ހިނގާފައިވާ ކަމަކަށް ވާންވާނެކަމަށް" މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް އައިއިރު، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ދާ ރައްޔިތުން، ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓްތައް ހެދުމަށް ލިބެމުންއައި އާސަންދަގެ ޚިދުމަތް ދިނުން ހުއްޓާލަމުންދާތީ އާއި، ބޭސްސިޓީއަށް ބޭސް ދޫކުރުމުގައި ލިބެމުންއައި އާސަންދަގެ ޚިދުމަތް ނުލިބި، މި ކަންކަމަށް އަމިއްލަ އަތުން ހަރަދުކުރަންޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންނާ ސީދާ ގުޅުންހުރި، މިފަދަ މުހިއްމު ކަމެއްގައި އަދި ދައުލަތުން ފައިސާ ދީގެން ހިންގަމުން އައިސްފައިވާ ޚިދުމަތެއް، ދައުލަތުން ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓާލަންޖެހޭ ހިސާބަށް ދިޔަނުދިނުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އާސަންދައަށް ގެނައި ބަދަލާއެކު ޕްރައިވެޓް އިންސްއަރެންސްއެއް އޮންނަ މީހަކު ނަމަ އާސަންދަ ލިބޭނީ އެ އިންސްއަރެންސްއިން ކެނޑުމަށް ފަހުގައިކަމަށް ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލާއެކު ގިނަ އަމިއްލަ އިންސްއަރެންސް ހިދުމަތްދޭ ފަރާތްތަކުން ކޭޝްލެސް ހިދުމަތް މެދުކަނޑާލުމުން ރައްޔިތުންގެ ޖީބުން ހަރަދުކުރަން ޖެހުމުން އެކަމުގެ ކަންބޮޑުވުންވަނީ އިތުރުވެފަ އެވެ.
އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އާސަންދަ ހިދުމަތް ސަރުކާރުން ދަނީ ވަކި ބަޔަކަށް ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.