ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ބާރުތައް އެމަނިކުފާނުގެ މުށުތެރެއަށް ޖަމާކޮށް ކުރިއަށް ރިޔާސީ އިންތިހާބު ފޭރިގަންނަން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ.
'ފުދިއްޖެ ފުނޑިއްޖެ' ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މިއަދު މި ފެންނަނީ ބިރުވެރި ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ރާއްޖެ މިސްރާބު ޖަހާ މަންޒަރު ކަމަށެވެ.
"މިއަދު މި ފެންނަނީ އެ ބިރުވެރިކަމުގެ ތެރެއަށް، ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާވެސް ރާއްޖެ ފުރޮޅެމުންދާ މަންޒަރު. ގާނޫނުއަސާސީގައި އޮތީ ކޯއްޗެއްތޯ ބެލުމެއް ނެތް. ގާނޫނުތަކުގައި ލިޔެފައި އޮތީ ކޮން ވާހަކައެއްތޯ ބަލާކަަށް ބޭނުމެއް ނުވޭ. ފެނިވަޑައިގަތް ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަން މުއައްސަސާތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދު ސަރުކާރުން ކުރަމުންދާ މިފަދަ ކަންކަމާ ދެކޮޅަށް ތެދުނުވެއްޖެނަމަ، 2028 ވަނަ އަހަރު އަންނައިރު އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބެޖެޓް ހުށަހެޅިގޮތަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެއްވެސް ތަފްސީލެއް ނުދީ އެ ބަޖެޓް ހުށަހެޅި ހުށަހެޅުމަކީ ރާއްޖޭގެ ތާރީހުގައި ވެސް އަލަށް ކުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބަޖެޓްގައި ހުރި ކަންކަން ސިއްރުކޮށްފައި ބަޖެޓް ހުށަހެޅުމުން ބަޖެޓުން ހަރަދުކުރިގޮތާ މެދު ސަރުކާރު ޖަވާބުދާރީކުރުވާނީ ކިހިނެތްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށް ވައުދުވެގެން އައިސްފައި ކަން ކުރާ ގޮތް މިހުރީ. މިއީ ސިއްރު ސަރުކާރެއް. ދޮގުވެރި ސަރުކާރެއް. އަނިޔާވެރި ސަރުކާރެއް. މުނާފިގު ސަރުކާރެއް،" ސޯލިހު ވިދާޅުވި އެވެ.އެއީ ހަރަދު ބޮޑު ވިޔަފާރިވެރިންގެ ޖީބަށް އަތްބާނާ ބަޖެޓެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު އަހަރު ނުނިމެނީސް ހުސްކޮށްލާފައިވާއިރު، އެ ބަޖެޓްގައިވާ ފައިސާއަށް ހެދީ ކީއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.