ލަސްލަހުން ހަފައިގެން ކެއުމަކީ ކެއުމުގެ އަދަބުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. މާ ހަލުވިކޮށް ކެއުމަކީ ކެއުމުގެ އަދަބާ ހިލާފު ކަމެއްގެ އިތުރުން އޭގެ ސަބަބުން ސިއްހީ ނުރައްކާތައް ވެސް ކުރިމަތިވާނެ ކަމެކެވެ.

ދާދިފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން މާ އަވަސް އަވަހަށް ކެއުމަކީ ބަރުދަން އިތުރުވެ މީހާ ފަލަވާނެ ކަމެކެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ މާ އަވަހަށް ކެއުމުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރަށް ބަދަލު އައިސް އިންސިއުލިން ރެސިސްޓެންސް އަށް މަގުފަހިވުމެވެ. އޭގެ ސަބަބުން ޓައިޕް 2 ޑައިބެޓިކްސް އަށް ވެސް މަގުފަހިވުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކާގެ އެމެރިކަން ހާޓް އެސޯސިއޭޝަންގެ ސައިންޓިފިކް ސެޝަންގައި މިއަހަރު ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ލަސްލަހުން ކެއުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

ޖަޕާނުގެ ހީރޯޝިމާ ޔުނިވާސިޓީ އިން ވެސް ވަނީ މިފަދަ ދިރާސާއެއް ކޮށްފަ އެވެ. 642 ފިރިހެނުންނާއި 441 އަންހެނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ކެއުމުގެ ސްޕީޑް ގެންގުޅޭ ގޮތާއި، މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެފައިވެ އެވެ. އެގޮތުން ހަލުވިކޮށް ކާމީހުންގެ 12 ޕަސެންޓް މީހުންނަކީ މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުން ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެހެން ކަމުން ކިތަންމެ ލަސްވެގެން ވިޔަސް އަވަސް އަވަހަށް ކެއުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ވަގުތު އޮއްވާ ކައި ނިންމާލުމެވެ.