އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ބޭރަށް ދާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) އަށް އެކަން އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ.

ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާގައިވަނީ ފަނޑިޔާރުންނަކީ އަބަދުވެސް މަސައްކަތަށް ހުސްވެގެން ތިބެންޖެހޭ ބައެއް ކަމަށްވާތީ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުތަކުގެ އިސް ގާޒިން އަދި އިސް މެޖިސްޓްރޭޓުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ ޖޭއެސްސީއަށް އަންގަން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އުއްތަމަ ފަނޑިޔާރަށް އަންގަން ޖެހޭއިރު، ހައި ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެ ކޯޓުގެ އިސް ފަނޑިޔާރަށް އަންގަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެ ކޯޓެއްގެ އިސް ގާޒީއަކަށް އަންގަން ޖެހޭއިރު ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ރަށުން ބޭރަށް ދާނަމަ އެކަން އެ ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓަށް އަންގަން ޖެހޭނެ އެވެ