ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ލިސްޓް އެކުލަވާލުމުގައި އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ދިނުމަށް ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ލިސްޓްތަކެއް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ހުރިހާ"އަށް ކިޔައިދީފަ އެވެ. މި ހަބަރު "ހުރިހާ"ގައި ރިޕޯޓްކުރުމުން ހައުސިން މިނިސްޓްރީން ވަނީ އެ ވާހަކަ ދެކެވެނީ ސޯޝަލް މީޑިއާގައި ކަމަށް ބުނެ މިރޭ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވުމުގެ ކުރިން އެ ވާހަކަ "ހުރިހާ" ގައި ވާނީ ރިޕޯޓްކޮށްފަ އެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުބައި ތަސައްވުރެެއް އުފެދޭގޮތަށް ހަގީގަތަ ހިލާފު ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ކަމަށެވެ.

"މި ސްކީމާ ގުޅިގެން ކުރިއަށްދާ ރީ- އިވެލުއޭޝަނުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީގެ މަގްސަދަކީ އެ ސްކީމްގެ ދަށުން ފްލެޓް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެން ދިޔުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ އެކި މެމްބަރުން އެކި އަދަދުތަކުގެ ލިސްޓްތައް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެއް މެމްބަރަކު ފޮނުވި ލިސްޓްގައި ގާތްގަނޑަކަށް 100 ވަރަކަށް މީހުންގެ ނަން އެބައޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ އެންމެ ގިނަ މީހުންގެ ނަން ހިމެނޭ ލިސްޓެވެ. ދެން ފޮނުވި ލިސްޓްތަކުގައި ހުރީ ގާތްގަނޑަކަށް 50 މީހުންގެ ނަމެވެ.

"މި ލިސްޓްތަކުގައި މާލޭގައި ދުވަހަކު ވެސް ދިރިނޫޅޭ މީހުންގެ ނަންތައް ވެސް ހިމަނާފައި އެބަވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މި މަހުގެ 14 ވަނަ ދުވަހު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އެ ހަފްތާ ނިމުމުގެ ކުރީ ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީން ވަނީ ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ސަބަބެއް ކަމަށް އެ މިނިސްޓްރީން ބުނީ ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމުން އެ ކަމަށް އިތުރު ވަގުތު ބޭނުންވާތީ އެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ލިސްޓް ނެރުން މުއްދަތެއް ނެތްގޮތަށް ފަސްކުރީ މަޖިލިސް މެމްބަރުންގެ ފަރާތުން ލިބިފައިވާ ލިސްޓްތަކުގައިވާ ނަންތައް އެ ލިސްޓްގައި ހިމެނުމަށް އިތުރު ވަގުތު ބޭނުންވާނެތީ އެވެ.