ސީރިއާގެ ވެރިރަށް ދިމިޝްގްއާ ދިމާލަށް އުތުރާއި ދެކުނުން ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ކައިރިވަމުންދާ ކަމަށާއި، އަދި މުހިންމު ސިޓީއެއް ކަމުގައިވާ ހޮމްސްއަށް ވަދެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ 24 އަހަރުވީ ވެރިކަން ބަދަލުކުރުމަށް އެގައުމުގައި ކުރަމުންދާ ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިން މިވަނީ ކުއްލިއަކަށް ސީރިއާގެ މުހިއްމު ގިނަ ސިޓީތަކެއް އެމީހުންގެ އަތްދަށަށް ގެންގޮސްފަ އެވެ.
މުހިންމު ސިޓީތަކެއްގެ ކޮންޓްރޯލް ކުއްލިއަކަށް ސިފައިންނަށް ގެއްލުމުން، ހަނގުރާމަވެރި ޖަމާއަތްތަކުން ހޯދަމުންދާ ކުރިއެރުމާ އެކު ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓިދާނެ ކަމަށް މިވަނީ ބެލެވެން ފަށާފަ އެވެ.
ހަނގުރާމަވެރިން ބުނާ ގޮތުގައި އެމީހުން ވަނީ 24 ގަޑިއިރުގެ ތެރޭގައި ދެކުނު ހުޅަނގު ސަރަހައްދު މުޅިން ހިފާ، ދިމިޝްގާއި 30 ކިލޯމީޓަރު ކައިރިއަށް ދެވިފައި އެވެ.
މި ހަފްތާ ތެރޭގައި އިދިކޮޅު ހަނގުރާމަވެރިން ވަނީ އުތުރުގެ އަލެޕޯ، މެދުތެރޭގެ ހަމާ އަދި އިރުމަތީގެ ދީރް އެޒޯރުން ހިފުމުގެ އިތުރުން، ދެކުނުގެ ޤުނެއިތިރާ، ދަރްއާ އަދި ސުވެއިދާ ވެސް ހިފާފައިވާ ކަމަށް ހަނގުރާވެރިން ބުނެ އެވެ.
މުހިންމު ސިޓީތަކެއް ކުއްލިއަކަށް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައި ވާއިރު މިއީ ބޮޑެތި ސިޓީތަކެއް މިހާ އަވަހަށް ބައްޝާރުގެ ސިފައިންނަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ގެއްލުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސީރިއާގެ ސިފައިންނާ ދެމެދު އެ ގައުމުގެ އެކި ހިސާބުތަކުގައި ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންނެވެ.
ދިމިޝްގަށް ވަދެގަތުމަށް ހަނގުރާމަވެރިން މިހާރު މަސައްކަތް ކުރަމުންދާއިރު، އެގައުމުގެ ރައީސް އަސަދު އަދިވެސް ހުންނެވީ ގައުމުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތަކުގައި އަސަދުއާއި ދެކޮޅަށް އަޑު އުފުލައި، މައިދާންތަކުގައި ހުރި އޭނާގެ ބުދުތަކަށް ގެއްލުންދީ އާންމުން އުފާ ފާޅުކުރުން ވެސް ދަނީ ކުރިއަށެވެ. މިއީ ދާހިލީ ހަނގުރާމަ ފެށުނު ފަހުން ސީރިއާ އިން ދުވަހަކު ވެސް ފެނުނު ފަދަ މަންޒަރުތަކެއް ނޫނެވެ.
ސީރިއާގައި ކުއްލިއަކަށް ބަދަލުވަމުން މިދާ ހާލަތާއެކު، އަލުން ސަރަޙައްދީ ހަމަނުޖެހުމުގެ ރާޅެއް އައުމުގެ ބިރު ވަނީ އުފެދިފަ އެވެ. އަސަދުގެ ވެރިކަމާ ދެކޮޅަށް އުފެދުނު އިންތިފާޟާއެއްގެ ގޮތުގައި 2011 ގައި ފެށުނު ސީރިއާގެ އަހުލީ ހަނގުރާމައިގައި ބޮޑެތި ބޭރުގެ ބާރުތައް ބައިވެރިވެ އެވެ. އެގޮތުން ރަޝިއާއާއި އިރާން އަދި ތުރުކީ ހިމެނެ އެވެ.