ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ވެދާނެ ކަމަށް ބުނެ، ކުޅުދުއްފުށި ސިޓީ އެމްޑީޕީގެ އެކްޓިވިސްޓު ދިނީ ނަސޭހަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެެވެ.

ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ވާހަކަދެއްކި އެމްޑީޕީގެ އެކްޓޮވިސްޓަކު ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތުން މިސާލު ނަގައި ރައީސް މުއިއްޒަށް ވެސް އެފަދަ ގޮތެއް ވެދާނެ ކަމަށް ބުނެފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ ކުޅުދުއްފުށީ އެމްޑީޕީ އެކްޓިވިސްޓް އެ ދެއްކި ވާހަކައަކީ އޭނާ ގަބޫލުކުރާގޮތުގައި ރައީސް މުއިއްޒަށް ދިން ނަސޭހަތެއް ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ؟، އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު އެ ހުންނެވި ޑރ. މުއިއްޒުއަށް ނަސޭހަތުގެ ގޮތުގައި، އެހެންވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ އިނގޭތޯ؟،" ފައްޔާޒް ވިދާޅުވި އެވެ.

ކުޅުދުެއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކި އެމްޑީޕީ އެކްޓިވިސްޓްގެ ވާހަކައިގައި ރައީސް އަމީނަށް ހެދީ ކޮންގޮތެއް ކަމެއް ނުބުނެ އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީންގެ ވެރިކަން ވެއްޓުނީ 1953 ވަނަ އަހަރު އެވެ. އެ އަހަރުގެ އޯގަސްޓު 21 ގައި މާލޭގެ ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ވެރިކަން ބަދަލުކުރުމަށް ބޮޑު ހަރަކާތެއް ހިންގި އެވެ.

އެމްޑީޕީގެ އެކްޓިވިސްޓު އެފަދައިން ބުނުމުން އެއީ ރައީސް މުއިއްޒަށް އިންޒާރުދިނުން ކަމަށް ތުހުމަތުކޮށް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.