އަތޮޅުތަކުގެ ރަށްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ، ފެނަކަ ކޯޕަރޭޝަންގެ މައި އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނީގެ މައި އޮފީސް މިހާރު ހިންގަމުން އަންނަނީ މާފަންނުގައި ހުންނަ ޕޯޓް ކޮމްޕްލެކްސް އިމާރާތުގަ އެވެ. ފެނަކައިން ވަނީ ފަސް އަހަރުގެ މުއްތަށް އޮފީސް ހިންގާނެ އިމާރާތެއް ހޯދަން ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފަ އެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނުގައި ވަނީ ކުރިން ކުރި އިއުލާނަށް އެކަށޭނެ ތަރުހީބެއް ނުލިބުމުން އަލުން މިއަދު އިއުލާންކުރީ ކަމަށެވެ. އެ އިއުލާނުގައިވާގޮތުން އެ ކުންފުނިން ހޯދަނީ މާލޭގައި ހުރި 10،000 އަކަފޫޓަށްވުރެ ކުޑަނޫން ތަނެކެވެ.

އެ އިއުލާނުގައިވާގޮތުން އޮފީސް އިމާރާތް ކުއްޔަށް ދިނުމަށް ބިޑުކުރާއިރު ސެކިއުރިޓީގެ ގޮތުގައި 100،000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެވޭނީ ޖެނުއަރީ 9، 2025 ގެ މެންދުރުފަހު 3:00 އާ ހަމައަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ބިޑު ހުށަހެޅޭނެ ސުންގަޑި އަކީ ޖެނުއަރީ 12، 2025 ގެ ހެދުނު 11:00 އެވެ.

ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާދެއްވުމުން އެމްއެންޑީއެފްގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދު ނަޖާހަށް ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ދީފަ އެވެ.