ކާރިސާތަކުން ލިބޭ ގެއްލުންތައް ބޮޑުވަނީ ހަރުދަނާ ފިޔަވަޅުތައް އަޅާފައިނުވާތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ކަން ހިނގާގޮތަށް ބަލާއިރު، ބޮޑަތި ކާރިސާތައް ދިމާވުމުން އެކަމުން އިބްރަތް ހާސިލްކޮށް ސަރުކާރުތަކުން އެކަންތަކަށް ހަރުދަނާ އަދި ޒިންމާދާރު ފިޔަވަޅުތައް އަޅާ ކަމަށެވެ. ސަރުކާރެއް އޮންނަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިދުމަތްކުރަން ކަމަށްވާއިރު، އެކަން ނުކުރެވޭނަމަ ރައްޔިތުން އެކަމާ ސުވާލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފެންބޮޑުވުމުގެ މައްސަލަ ވެރިރަށް މާލެއަށް ދިމާވާތާ މިވީ ކިހާ ދުވަހެއްތޯއެވެ؟ މިކަން ޙައްލު ކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކަކީ ކޮބައިތޯއެވެ؟،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިރަށް މާލޭގައި ފެންބޮޑުވުމަކީ ތަކުރާރު ވަމުން އަންނަ ކަމަކަށްވާއިރު، އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަކީ ސަރުކާރުތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ރިޔާސީ ނިޒާމެއްގައި އެމަސްއޫލިއްޔަތު ކޮނޑުގައި އަޅަނީ ރައީސާއި ކެބިނެޓާއި މުޅިސަރުކާރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ނިސްބަތުން މިއަދު ދިވެހިން ދައްކާ ޓެކުސް ބޮޑެވެ. އެހެންވީމާ އެމީހުންގެ މުދަލާގެދޮރުގެ ސަލާމަތުގެ ސުވާލުކުރުމަކީ ޢަދުލުން ބޭރުވުމެއް ނޫނެވެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ދިމާވާއިރު، ރައީސާއި ވަޒީރުން ވީހިސާބެއް ސުވާލުކުރުމަކީ ހައްގު ނޫން ވާހަކަ ދެއްކުމެއް ނޫން ކަމަށާއި އަދި ބިޔަ ބޮޑު ހަރަދުތައްކޮށް އެތަކެއްހާސް ސިޔާސީ މުވައްޒަފުން ތިބޭއިރު ލިބޭ ހިދުމަތަކީ ކޮބައިތޯ ސުވާލުކުރުމަކީ އިންސާފުން ބޭރުވުން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި، ރައްޔިތުންގެ ފައިސާގައި ސަރުކާރުތަކުން މިފަދަކަންތަކަށް އެކަށީގެންވާ ފިޔަވަޅު ނާޅާ، ކޮރަޕްޝަން ހިންގަމުން ދިއުމަކީ މިފަދަ ބޮޑަތި ކާރިސާތަކަށް ހަރުދަނާ ފިޔަވަޅުތައް ނޭޅުމުގެ މައިގަނޑު އެއް ސަބަބެވެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
މާލެއަށް ފާއިތުވި ހަފްތާގައި ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ތަކުލީފުތަކާ ކުރިމަތިލާންޖެހިފަ އެވެ. ގެތަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންވެފައިވާތީ ބައެއް މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.