ހުޅުމާލޭގައި މިދިޔަ މަހު ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅޭ ހިސާބުގަ އެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އައިޖީީއެމްއެޗްއިން ބުނީ އަނިޔާވި ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ބަޔަކުވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ޚިލާފުވެގެން އެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.