ވެރިކަންކުރާ ޕީއެންސީއަށް އަނެއްކާވެސް ވަގަށް މީހަކު ވެއްދިކަން ފަޅާއަރައިފި އެވެ.

ނޫސްވެރިޔާ އާއިދާ އަބްދުލްހަކީމް ވަނީ އޭނާ ޕީއެންސީއަށް ވައްދާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށް ބުނެފަ އެވެ.

ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އާއިދާ ބުނީ ވަގަށް ޕީއެންސީއަށް މީހުން ވައްދާކަމަށް ދެކެވެމުންދާ ވާހަކަތައް މީގެކުރިން ގަބޫލުކުރަން ދަތިވި ކަމަށެވެ. ނަމަވެސް އޭނާ ދުވަހަކުވެސް ސޮއިނުކުރާ ޕާޓީއަކަށް ވައްދާފައިވާތީ މިއަދު އެއީ ދެތެއްކަން ޔަގީންވެއްޖެ ކަމަށް އޭނާ ބުންޏެވެ.

އާއިދާ ބުނީ އޭނާ ޕީއެންސީއަށް ވައްދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ދުވަހަކު ވެސް ސޮއި ނުކުރާ ޕާޓީ އެއްގެ ދަފުތަރުގައި އަޅުގަނޑުގެ ނަން އޮތުމުން މިއީ ހަމަ ހަގީގަތުގަ ވެސް ތެދެއްކަން ޔަގީން ކޮށްފިން. މިކަން މިހެން ކުރިބަޔަކަށް ގޮވާލަން ވަގުތުން ވަގުތަށް ތިޔަ ދަފުތަރުން އަޅުގަނޑުގެ ނަން އުނިކުރުމަށް،" އާއިދާ ބުންޏެވެ.

ޑީއެންއާރުން ދިވެހި ރައްޔިތުންގެ މައުލޫމާތު ނަގައިގެން ގިނަ ބަޔަކު ޕީއެންސީއަށް ވައްދާކަމަށް ތުހުމަތު ކުރަމުންދިޔަ ދަނޑިވަޅެއްގައި ހޯމް މިނިސްޓްރީގެ ތެރޭގައި ޕީއެންސީގެ މެމްބާޝިޕް ފޯމްތައް ފުރާ ފޮޓޯތަކެއް އާންމުވި އެވެ. ޑީއެންއާރް ހިންގަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އެތަނުގެ އިސްވެރިޔަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައި ވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އަލީ އެވެ.

ޕީއެންސީގެ ވަގު ފޯމްތަކުގައި ޕާޓީގެ ފަރާތުން އެ ފޯމްތަކަށް ޒިންމާވެ ސޮއިކުރައްވާފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަފޫ ހާމިދެވެ.

ހޯމް މިނިސްޓްރީ ތެރޭގައި ފުރި ވަގު ފޯމްތަކުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން އަލީ އާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ސުއޫދާ އަބްދުﷲ އެވެ.

މިހާތަނަށް ވަގަށް ޕީއެންސީއަށް ވެއްދި މީހުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަނަދޫ ދާއިރާގެ ރައީސް އަދި މަނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ތޯރިގު ހިމެނެ އެވެ. އޭނާގެ ނަމުގައި ފުރާފައިވާ ވަގު ފޯމްގައި ހިމަނާފައި ވަނީ އޭނާގެ ފޮޓޯއެއް ނޫނެވެ. އެކަމަކު ފުރިހަމަ ނަމާއި އެޑްރެހާއި އައިޑީކާޑް ނަންބަރު ދިމާވެ އެވެ. އޭނާ ވަނީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފަ އެވެ.