ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ގާތަށް ޖެހި މިރޭގެ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެއާ ގާތަށް ޖެހެމުންދާ ކަމަށެވެ. އަދި މިވަގުތު ރާއްޖެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާ ކަމަށާއި މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށައި ދަންވަރާއި އަދި ފަތިހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

މެޓު އޮފީހުން ބުނީ ރާއްޖެއަށް މިއަދު ވައި އެވްރެޖްކޮށް ހުރި ނަމަވެސް މިކޮޅިގަނޑު ރާއްޖެއާ ގާތްވަމުންދާ ވަރަކަށް ވައި ބާރުވަމުންދާނެ ކަމަށެވެ. މިގޮތުން ރާއްޖެ ސަރަޙައްދުގެ ވައި ބާރުވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް މެޓު އޮފީހުން ބުނެ އެވެ. އަދި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ.

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އަދި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ ބޮޑުބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އާދިއްތަ ދުވަހު މޫސުން ރަނގަޅުވި ނަމަވެސް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މިގޮތުން އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް ބެލެވެނީ މެދު ރާއްޖެތެރޭގެ ރަށްތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މެޓު އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރު އިތުރުން ގަޑިއަކު ގާތްގަނޑަކަށް 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައި ކަމަށް މެޓު އޮފީހުން ބުނެ އެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަމާ ބެހޭ އިދާރާތަކާއި އާއްމުން ގުޅިގެން ދަނީ ރައްކާތެރިވުމަށްޓަކައި ދުރާލާ ވެލިބަސްތާ ޖެހުން ފަދަ ކަންކަން ކުރަމުންނެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކައުންސިލްތަކާ ގުޅިގެން ގެއަށް ފެން ވަދެ އަދި އުދައިގެ އަސަރުކޮށްގެން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.